މިދިޔަ އަހަރު ވޯގް އިންޑިއާގެ ފޮޓޯޝޫޓު އޮތް ދުވަސްވަރާ، އިމްތިހާނުގެ ދުވަސްވަރާ ފުށު އަރައި، އިމްތިހާނަށް ބުރޫ އަރާ ނަމަ ފޮޓޯޝޫޓަށް މޮޑެލްކުރުމުގެ ފުރުސަތު ދޫކޮށްލަން ރާއްޖޭގެ މޮޑެލް ރައުދާ އާތިފް ހުރީ ތައްޔާރަށް ކަމަށް ވޯގް އިންޑިއާއިން ބުނެފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ބަންގާޅުގެ ރާޖްޝަހީގައި "ދަންޖެހި" މަރުވެފައި ހުއްޓާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްއަކީ ވޯގް މެގަޒިންގެ ކަވަރެއްގައި ފީޗަރވި ފުރަތަމަ ދިވެއްސެވެ. ރައުދާ ފީޗާކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވޯގް އިންޑިއާގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ދެކުނު އޭޝިއާއިން ހޮވާލެވުނު ހަ މޮޑެލުންގެ ތެރެއިން، ރާއްޖޭގެ މޮޑެލްގެ ގޮތުގައެވެ.

ރާޖްޝަހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ރައުދާގެ ހަނދާނުގައި ވޯގް އިންޑިއާގެ ލިޔުންތެރިޔާ ޝެރީ ގޯމޭޒް ގުޕްތާ، ވޯގް އިންޑިއާގެ ވެބްސައިޓުގައި ލިޔުނު ލިޔުމެއްގައި ބުނެފައިވަނީ، ވޯގް އިންޑިއާއަށް ރައުދާ ފާހަގަވީ އޭނާގެ ވިލު ނޫ ކުލައިގެ ލޯ ފާހަގަވި ފޮޓޯ، "މޯލްޑިވިއަން ގާލް ވިތު އަކުއާ ބްލޫ އައިޒް"އިން ކަމަށެވެ.

އެއަށްފަހު ވޯގް އިންޑިއާގެ ފަރާތުން ޝެރީ، ފޭސްބުކްއިން ރައުދާ ހޯދައި، އޭނާއާ ވާހަކަ ދެއްކީ ކަމަށް ޝެރީ ބުނެއެވެ.

"ވާހަކަ ދެއްކި ދުވަސްވަރަކީ ރައުދާގެ އިމްތިހާނުތަކެއްގެ ދުވަސްވަރު. އަހަރެންނަށް އެންމެ އަޅައިގަތް ތަންކޮޅަކީ، ރައުދާގެ އެންމެ ކުޑަ އިރުއްސުރެ ދެކެމުން އައި ހުވަފެން، ޑޮކްޓަރަކަށް ވުމުގެ ހުވަފެނަށް ހުރަސް އެޅޭ އެއްވެސް ކަމެއް ކުރަން އޭނާ ބޭނުން ނުވިކަން،"

ޝެރީ ލިޔެފައިވާ ގޮތުން، ވޯގް ކަވަރަށް ފޮޓޯޝޫޓު އޮތް ތާރީޚާއި އިމްތިހާނުގެ ތާރީޚުތައް ފުށުއަރާ ނަމަ، ފޮޓޯޝޫޓުގެ ފުރުސަތު ދޫކޮށްލުމަށްވެސް ރައުދާ ހުރީ ތައްޔާރަށެވެ.

ވޯގްގެ ލިޔުންތެރިޔާ ޝެރީ ބުނީ، އެންމެ ފަހުން ދެފަރާތަށް ވެސް ފަސޭހަ ތާރީޚަކަށް ފޮޓޯޝޫޓު ހަމަޖެހުނު ކަމަށާއި، ރައުދާއާ އިންޓަވިއު ކުރަން ފެށި ހިސާބުން ދެމީހުންގެ ރަހުމަތްތެރިކަން އިތުރަށް އުފެދުނު ކަމަށެވެ.

"އެއީ ވަރަށް ހިތްހެޔޮ ކުއްޖެއް. އޭނާގެ ރީތިކަމުގެ ސަބަބުން ކުރިއެރޭނެ ގޮތްތަކާ މެދު މާ ބޮޑު ޝައުގުވެރިކަމެއް ނުބަހައްޓާ. ރައުދާއަށް މުހިންމީ ކޮން ކަމެއްކަން އޭނާ ވަރަށް ސާފުކޮށް ދެނެގަނެ، ނިންމައިގެން ހުރީ،" ރައުދާއަށް އެންމެ މުހިންމީ ކިޔަވައިގެން ޑޮކްޓަރަކަށްވެ، މީހުންނަށް އެހީތެރިވެދިނުން ކަން ހާމަކުރަމުން ވޯގްގެ ލިޔުންތެރިޔާ ބުންޏެވެ.

ރައުދާގެ މަރުގެ ޚަބަރު ލިބުމާ އެކު ވޯގްގެ ޓީމަށް ކުއްލި ސިހުމެއް ލިބުނު ކަމަށް ޝެރީ ބުންޏެވެ.

"ރިޕޯޓުތައް ބުނާ ގޮތުން ރައުދާގެ ފަހު ދުވަސްތަކުގައި އޭނާ ޑިޕްރެސްވެގެން އުޅުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އޭނާގެ ފޭސްބުކާއި އިންސްޓަގްރާމް ޕޯސްޓުތަކުން އެކަމެއް ފާހަގައެއް ނުވޭ،"

ވޯގުން ބުނީ، ރައުދާ މަރުވެފައިވާ އިރު، އޭނާއާ އެކު މަސައްކަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަނީ، އެއީ އަމިއްލައަށް މަރުވުމުގެ މައްސަލައެއް ކަމަށް ނިންމައިގެން ކަމަށާއި، އެއީ މީހަކު މަރާލުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް އެދި ރައުދާގެ އާއިލާއިން ވަނީ ބަންގްލަދޭޝްގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލަ ކޯޓުން އިއްޔެ ބަލައިގެންފައިވާ އިރު، ރާޖްޝަހީގެ ފުލުހުންގެ މައްޗަށް ކޯޓުން ވަނީ، އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށް އަމުރު ވެސް ކޮށްފައެވެ.