ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ސްރީލަންކާގެ ކްރިކް ސްރީލަންކާ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ހަތަރު ވަނަ މެޗު ވެސް ރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.

މި ދެޓީމުގެ ދެމެދުގައި އިއްޔެ ކުޅުނު ޓީ 20ގެ ދެވަނަ މެޗު ރާއްޖެ އިން ކާމިޔާބުކުރީ ފަސް ކުޅުންތެރިން ނުބައިވެގެން 117 ލަނޑު ހަދައިގެންނެވެ. ލަންކާ ޓީމަށް ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 116 ލަނޑެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 56 ޕޮއިންޓް ރާއްޖެ އަށް ހޯދައިދިން އަބްދުﷲ ޝާހިދެވެ.

މީގެ ކުރިން ވެސް މި ދެޓީމުގެ ތިން މެޗެއް ކުޅެފައިވާ އިރު ރާއްޖެ ވަނީ ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ.

މި ދެޓީމުގެ ދެމެދުގައި ކުޅުނު ފުރަތަމަ މެޗު ދިވެހި ގައުމީ ޓީމުން ކާމިޔާބުކުރީ 266 ލަނޑުގެ ބޮޑު ތަފާތަކުންނެވެ. އިއްޔެ އެކުވެނި ދަނޑުގައި ކުޅުނު މި މެޗު ރާއްޖެ އިން ކާމިޔާބުކުރީ ނުވަ ކުޅުންތެރިން ނުބައިވެގެން ހެދި 318 ލަނޑުންނެވެ. ލަންކާ ޓީމަށް ހެދުނީ 10 ކުޅުންތެރިން ނުބައިވެގެން 52 ލަނޑެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައި ނުވެ ސެންޗަރީއެއް ފުރިހަމަ ކުރި ޝަފްރާޒް ޖަލީލެވެ. އޭނާ ވަނީ ރާއްޖެ އަށް 176 ލަނޑު ހަދައިދީފަ އެވެ. ޝަފްރާޒް ވަނީ ނުބައި ނުވެ، ދަނޑު މަތީގައި 171 މިނިޓް ހޭދަކޮށް 21 ފަހަރު ހަތަރަކަށް ޖަހައި ފަސް ފަހަރު ހަޔަކަށް ޖަހައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި މެޗުގައި ރާއްޖޭގެ މުހައްމަދު ޝާފީއާ ސްރީލަންކާ ޓީމުގެ ބީ ސަމްޕަތު ވަނީ ޖުމުލަ ހަތަރު ވިކެޓް ނަގައިފަ އެވެ.

ކްރިކް ސްރީލަންކާ ޓީމުން ރާއްޖެ އަށް މިކުރާ ދަތުރުގައި ގައުމީ ޓީމާ ދެކޮޅަށް މީގެ ކުރިން ދެ މެޗު ކުޅެފައިވާ އިރު ދެ މެޗު ވެސް ކާމިޔާބުކުރީ ރާއްޖެއިންނެވެ. މިހާތަނަށް ކުޅެފައި ވަނީ ޓީ 20ގެ އެއް މެޗާއި 50 އޯވަރުގެ ދެމެޗެވެ.

މި މަހުގެ ހަތްވަނަ ދުވަހު ކުޅުނު ޓީ 20ގެ ފުރަތަމަ މެޗު ރާއްޖެ އިން ކާމިޔާބުކުރީ ހަތް ކުޅުންތެރިން ނުބައިވެގެން ހެދި 152 ލަނޑުންނެވެ. ލަންކާ ޓީމަށް ހެދުނީ 10 ކުޅުންތެރިން ނުބައިވެގެން 147 ލަނޑެވެ.

ދެވަނަ މެޗު މި މަހުގެ އަށް ވަނަ ދުވަހު ކުޅުނުއިރު އެ މެޗު ވެސް ކާމިޔާބުކުރީ ދިވެހި ޓީމުންނެވެ. ފަންސާސް އޯވަރުގެ މި މެޗު ރާއްޖެ އިން ކާމިޔާބުކުރީ 10 ކުޅުންތެރިން ނުބައިވެގެން ހެދި 193 ލަނޑުންނެވެ. ލަންކާ ޓީމުގެ 10 ކުޅުންތެރިން ނުބައިވެގެން ހެދުނީ 147 ލަނޑެވެ.