ސޯލް (އޭޕްރިލް 11): އެމެރިކާގެ ކަނޑުގެ މަނަވަރުތަކެއް އުތުރު ކޮރެއާއާ ދިމާލަށް މިސްރާބު ޖެހުމާ ގުޅިގެން އުތުރު ކޮރެއާ އިން ހަނގުރާމައަށް ތައްޔާރަށް އޮތް ކަމަށް އެގައުމުން ބުނެފި އެވެ.

އެމެރިކާގެ މަނަވަރުތައް ކޮރެޔަން ޕެނިންސުލާ ކައިރިއަށް މިސްރާބު ޖަހާފައި ވަނީ އެމެރިކާ އިން ދެކުނު ކޮރެޔާއާއި ޖަޕާނާ އެކު ބޭއްވުމަށް ތައްޔާރުވާ އަސްކަރީ ތަމްރީންތަކާ ގުޅިގެން، އެގައުމުތަކާއި އުތުރު ކޮރެއާ އާ ދެމެދު ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

އުތުރު ކޮރެއާ އިން ދެކޭ ގޮތުގައި އެތަމްރީނުތަކަކީ އެގައުމަށް އަރައިގަތުމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ރާވައިގެން ކުރިއަށް ގެންދާ ތަމްރީނުތަކެކެވެ.

"އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ގެއްލުންކުރުވަނިވި ނަތީޖާގެ ޒިންމާ އެޅޭނީ އެގައުމުގެ ބޮލުގައި. އުތުރު ކޮރެއާއިން އޮތީ އެމެރިކާ އިން ބޭނުންވާ ބާވަތުގެ ހަނގުރާމައަކަށް ރައްދު ދޭން ތައްޔާރަށް،" އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކާ ހަވާލާދީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނެ އެވެ.

އަދި އެމެރިކާ އިން އުތުރު ކޮރެއާއަށް ހަމަލާއެއް ދިނުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށް ބުނުމަށް އެމެރިކާ އިން ދެކޮޅު ހެދުމުން އެނގިގެން ދަނީ، އުތުރު ކޮރެއާއިން ނިއުކްލިއާ ބާރު ބޭނުން ކޮށްގެން އެގައުމުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަން ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ ހަފްތާ ތެރޭގައި އެމެރިކާ އިން ސީރިއާއަށް ދިން ހަމަލާއަކީ އުތުރު ކޮރެއާއަށް ދިން އިންޒާރުގެ މެސެޖެއް ކަމަށް އެގައުމުން ދެކެ އެވެ. އަދި އެމެރިކާ އިން އެހަމަލާ ދީފައި ވަނީ އުތުރު ކޮރެއާގެ މައްސަލަ ހައްލު ކުރުމަށް އެމެރިކާ އެކަނި ވެސް އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ. (ގާޑިއަން)