ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީވުމަށް، ވެބްސައިޓެއް ތައްޔާރު ކުރަމުން އަންނަ ކަމަށް ބޮލީވުޑުގެ ހުނަރުވެރި އެކްޓަރު އަނުޕަމް ޚޭރު ބުނެފި އެވެ.

ޑިޕްރެޝަން އާ ހަނގުރާމަ ކުރަމުން އަންނަ ފަރާތްތަކަށް އެހީވުމަށް އަނުޕަމް ރަސްމީކޮށް މަސައްކަތް ފަށާފައި ވަނީ އިންޖިނިއަރިން ކިޔަވަމުން ދިޔަ ދަރިވަރު އަރްޖުން ބަރްދްވާޖް އަމިއްލައަށް މަރުވުމާ ގުޅިގެންނެވެ.

އަނުޕަމްކެއަރސް.ކޮމްގެ ނަމުގައި ލޯންޗު ކުރުމަށް ނިންމާފައިވާ އެ ވެބްސައިޓުގައި އަނުޕަމްގެ އީމެއިލް ހިމެނޭނެ އެވެ. ދޮޅު މަސް ދުވަހުގެ ތެރޭގައި ވެބްސައިޓު އެއްކޮށް ނިންމައި ލޯންޗު ކުރެވޭނެ ކަމަށް އަނުޕަމް ބުނެފައި ވާއިރު، އެ ވެބްސައިޓު މެދުވެރިކޮށް އަނުޕަމް އަމިއްލައަށް، ޑިޕްރެޝަން އާއެކު ދިރިއުޅޭ ފަރާތްތަކާ ވާހަކަ ދައްކާނެ އެވެ.

އޭގެ އިތުރުން ނަފްސާނީ ބަލިތަކާ ބެހޭ ޚާއްސަ ޑޮކްޓަރުން ވެސް އެ ވެބްސައިޓުގައި މަސައްކަތް ކުރާނެ އެވެ.

އަނުޕަމް ވަނީ މިހާރު ވެސް ޓުވިޓާ މެދުވެރިކޮށް އޭނާގެ އީމެއިލް އައިޑީ ހިއްސާކޮށްފައެވެ. އަދި އީމެއިލް މެދުވެރިކޮށް ބޭނުން ކޮންމެ ވާހަކަ އެއް ވެސް އަނުޕަމް އާ ހިއްސާ ކުރެވޭނެ ކަމަށާއި، އަޑު އަހައި ވާހަކަ ދައްކާނެ ކަމުގެ ޔަގީންކަން އަނުޕަމް ވަނީ ދީފައެވެ.

އެއް ދުވަހުގެ ތެރޭގައި އަނުޕަމް އަށް 300 އަށް ވުރެ ގިނަ މެއިލް ލިބިފައި ވާކަމަށް އަނުޕަމް ވަނީ ހާމަކޮށްފައެވެ.

"މިހާރު މޯޓިވޭޝަނަލް ލެކްޗާޒް ތައް ދެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. އަހަރެންނަށް އިހުސާސް ކުރެވޭ އެމީހުން އެވާ ދެރަ. އެކަމަކު އަހަރެންގެ ކަންބޮޑުވުންތައް ޓުވީޓު ކުރުމަކުން މައްސަލައަށް ހައްލެއް ނާންނާނެ. އަހަރެން މިއަދު މިހުރީ ވަރަށް އުފަލުން އީމެއިލް އައިޑީ ޓުވިޓާގައި އާންމު ކުރެވުނީމަ. އެއް ދުވަހުގެ ތެރޭގައި އަހަންނަށް 300 އަށް ވުރެ ގިނަ މެއިލް ވަނީ ލިބިފައި،" އަނުޕަމް ބުންޏެވެ.

މިހާތަނަށް އަނުޕަމްއަށް ގިނަ ބަޔަކު އީމެއިލް މެދުވެރިކޮށް އެމީހުންގެ ވާހަކަތައް ހިއްސާކޮށްފައި ވާއިރު، އަނުޕަމް ވަނީ އޭގެ ތެރެއިން ބައެއް މީހުންނަށް ފޯނުން ގުޅައި ވާހަކަ ވެސް ދައްކައިފައެވެ.

އަނުޕަމް ބުނީ މެއިލް ތަކުގެ ސަބަބުން އޭނާއަށް ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށާއި، ޑިޕްރެޝަނަށް އޭނާގެ ލޯ ވަރަށް ބޮޑަށް ހުޅުވިއްޖެ ކަމަށެވެ. އަދި މެއިލް މެދުވެރިކޮށް ބައެއް މީހުންނަށް ޖަވާބު ދޭން ބޭނުން ނުވީ ވެސް އެހެންވެ ކަމަށް އަނުޕަމް ބުންޏެވެ.