11 Apr 2017, 08:36
އިނގެރޭސި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގުމަކީ މައްސަލައެއް ކަމަށް ބައެއް މީހުންނަށް ހީވާ ކަމަށާއި، އެކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫ ވާކަމަށް ބޮލީވުޑުގެ އެކްޓަރު އަރްޖުން ކަޕޫރު ބުނެފި އެވެ.
އަރްޖުން އެހެން ބުނެފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ހާފް ގާލްފްރެންޑް' ގެ ޓްރެއިލަރ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
އެ ފިލްމުގައި އަރްޖުން އަދާކޮށްފައި ވަނީ ވެސް ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން ނޭނގޭ، ބިހާރަށް އުފަން ފިރިހެން ކުއްޖެއްގެ ރޯލެވެ.
އަރްޖުން ބުނީ އެ ފިލްމުގައި ބޮޑަށް އަލިއަޅުވާލާފައި ވާނީ އިނގިރޭސި ބަހަށް މޮޅު ނޫން މީހުންނާ ދޭތެރޭ މުޖުތަމައުގައި ކަންތައްތައް ކުރާ ގޮތުގެ މައްޗަށް ކަމަށެވެ.
"މިއީ މި ގައުމުގެ އެންމެ ބޮޑު މައްސަލަ. ހިންދީ އެނގުނަސް ކޫލް ވާން ބޭނުން ވާތީ ވާހަކަ ދައްކަނީ އިނގިރޭސިން. މީހުން ގަބޫލު ކުރަނީ ވެސް އަދި އެހެން މީހުންނަށް ވިސްނައި ދެނީވެސް، އިނގިރޭސިން ވާހަކަ ދެއްކިއްޔާ އޭ މީހުން ތިމާ ބަލައިގަންނާނީ. އިނގިރޭސިން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭތީ މީހުންނަށް މަލާމާތްކޮށް އެބަ ލަދު ގަންނަވާލައި،" އަރްޖުން ބުންޏެވެ.
އަރްޖުން ބުނީ ހިންދީ ބަހަކީ އިންޑިއާގެ ގައުމީ ބަހަށް ވާއިރު، އެންމެނަށް ވެސް އެ ބަހުން ވާހަކަ ދައްކަން އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ބޮލީވުޑުގައި ހަރަކާތްތެރިވާ އެކްޓަރުންގެ ތެރޭގައި ވެސް ހިންދީ ބަހުން މުއާމަލާތް ކުރަން ރަނގަޅަށް ނޭނގޭ މީހުން ތިބިކަން އަރްޖުން ފާހަގަ ކުރި އެވެ.
އަރްޖުން ބުނީ އިންޑިއާ ތަރައްގީގެ މަގުގައި ކުރިއަށް ގެންދާނެ އެންމެ މުހިންމު ހަތިޔާރަކީ ހިންދީ ބަސް ކަމަށެވެ. އަދި 'ހާފް ގާލްފްރެންޑް' ގެ ސަބަބުން އެ މައްސަލަ މީހުންގެ ސަމާލުކަމަށް އަންނާނެ ކަމަށް ވެސް އަރްޖުން އުންމީދު ކުރެ އެވެ.
ޗެތަން ބަގަތުގެ ވާހަކަ 'ހާފް ގާލްފްރެންޑް' ގެ މައްޗަށް ހަމަ އެ ނަމުގައި އުފައްދާފައިވާ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ މޯހިތު ސޫރީ އެވެ. ފިލްމުގައި އަރްޖުން އާއެކު ލީޑު ރޯލުން ފެނިގެން ދާނީ ޝްރައްދާ ކަޕޫރު އެވެ.
އެ ފިލްމުގައި ޝްރައްދާ އަދި އަރްޖުން ފެނިގެން ދާނީ ބާސްކެޓް ކުޅުންތެރިންގެ ގޮތުގައެވެ.
ފިލްމުގެ ޓްރެއިލަރ މިހާރު ރިލީޒް ކޮށްފައި ވާއިރު، ފިލްމު ރިލީޒް ކުރާނީ އަން ަމެއި މަހުގެ 19 ވަނަ ދުވަހު އެވެ.