''އަދި ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލަމާ، އަހަރެން ޝާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސް ދީފާނަމޭ...'' ޔޫނުސް ބުނެލިއެވެ.

ޔޫނުސްގެ އެދުމަށް ނޫނެކޭ ބުނަން ޝާޢާގެ ހިތް ދެކޮޅު ހެދިއެވެ. އެއާއެކު ދެވަނަ ވިސްނުމަކަށް ދާން އޭނަ ބޭނުމެއް ނުވިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ބޯޖަހާލީ ޔޫނުސްގެ ހުށަހެޅުން ޤަބޫލުކޮށްފިކަން އަންގައިދިނުމަށެވެ. ޝާޢާގެ ޖަވާބުން ޔޫނުސްގެ ހިނިތުންވުން އިތުރަށް ފުން ވިއެވެ. ޝާޢާއަށް ބަލަން އިނދެފައި ޔޫނުސް އޭނަގެ ފުރިހަމަ އިސްކޮޅަށް ތެދުވުނެވެ. އަދި އޭނަ އަރައިގެން ހުރި ބޫޓު ފައިތިލައާއި ވަކިކޮށްލަމުން އިސްޓާކީނު ވެސް ބޭލިއެވެ. އެއަށްފަހު ބޫޓު މަތީގައި އިސްޓާކީނު ބާއްވާލަމުން އޭނަގެ ފަޓުލޫނުގެ ފައިކުރި ވެސް ތަނބިކަށިން މައްޗަށް އޮޅާލިއެވެ. ދެން އޭނަގެ އަތްތިލަ ޝާޢާއަށް ދިއްކޮށްލިއެވެ.

ޔޫނުސްގެ ކޮންމެ ހަރަކާތަކަށް ބަލަން އިން ޝާޢާއަށް އޭނަގެ ނިތް އަރުވާލެވުނީ ޔޫނުސްގެ ބޭނުން ނަގައިނުގަނެވުނީތީ އެވެ.

''މިތާ ތިބެ ފޫހިވެއްޖެ... ރާޅުފަށުގައި ހިނގާލަން ދާން ހިނގާބަލަ....'' އަތުގައި ހިފުމަށް ޝާޢާއަށް އިޝާރާތްކުރަމުން ޔޫނުސް ވާހަކަދެއްކިއެވެ. ޝާޢާ ވެސް ހިނިތުންވުމަކާއެކު ޔޫނުސްގެ އަތުގައި ހިފުމާއެކު، ޝާޢާ ކޮޅަށް ތެދުވުމުގައި ޔޫނުސް އެހީތެރިވެ ދިނެވެ.

ދެލޯބިވެރިން ރާޅުފަށުގައި ހިނގަމުން ދިޔައީ ފައިތިލަތަކުގެ ނިޝާންތައް ރާޅުތަކާ ހަވާލުކުރަމުންނެވެ. ތަފާތު ވާހަކަތައް ދެކެވެމުން ދިޔަ އިރު އެދެމެދުގައި އޮތް ގުޅުމަށް އާރޯކަން ގެނުވަމުން ދިޔަ އެވެ.

އިރުގެ ވަދާއީ ސަލާމާއެކު މާހައުލު އޮތީ ހަމަހިމޭން ވެފައެވެ. ގޮނޑުދޮށަށް އެއްވެފައި ތިބި މީހުންތައް ވެސް މެހެފިލް ދޫކޮށް ދާން ފެށުމާއެކު ފަޅުކަން ވެރިވާން ފަށައިފިއެވެ. އެހިނދު މުޅި ފަޒާގެ ތެރޭގައި މަޢުރިބު ނަމާދުގެ ބަންގީގެ އަޑު ގުގުމާލައިގެން ދިޔަ އެވެ. ހުވަފެނީ ދުނިޔެއަކަށް ފީނެމުން ދިޔަ ޝާޢާއަށް ސިހުން ގެނުވީ އެދަނޑިވަޅުގައެވެ. ކަންފަތް ދޮށުގައި ސިއްރެއް ބުނެލާފައި ދިޔަ ރޯޅީގައި ފިރިހެނެއްގެ އަޑު އެކުލެވިފައިވި ކަހަލައެވެ. ވެރިވެގެން އައި ނުތަނަވަސްކަމާއެކު އޭނައަށް ފަސްއެނބުރި ބަލާ ލެވުނެވެ. ނަމަވެސް އޭނައަށް މީހަކު ނުފެނުނެވެ. ނުވީތާކަށް ވެރިވާން ފަށާފައި އޮތް އަނދިރިކަމުން އޭނަގެ ހިތަށް ބިރުވެރިކަން ވެސް ފޭދުނެވެ. އޭނައަށް ޔޫނުސްގެ އަތަށް ބާރުކޮށްލެވުނެވެ.

''ވަޓްސް ރޯންގް...'' ވަށައިގެންވި މާހައުލަށް ޝާޢާ ބަލާތީ ޔޫނުސްއަށް އަހާލެވުނެވެ. ޝާޢަގެ އަމަލުތަކުން އޭނަ މީހަކު ހޯދަން އުޅޭ ކަހަލައެވެ. ޔޫނުސްއަށް ހައިރާންކަން ލިބުނީ އެސަބަބާ ހުރެއެވެ. އެތާނގައި ތިބީ ހަމައެކަނި އެދެޒުވާނުންނެވެ.

''ހިނގާ ދަމާ... މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ...'' ނުތަނަވަސްކަން ވަންހަނާކުރަން އުޅޭ ހާލު ޝާޢާ ބުނެލިއެވެ. އޭރު ވެސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ކަމެކެވެ. އެއީ ވަހުމެއް ބާވައެވެ! ނޫނީ ހަޤީޤަތެއް ހެއްޔެވެ؟ ޔަޤީނުން ވެސް އޭނައަށް އެއަޑު އިހުސާސް ކުރެވުނެވެ. އެވެސް ނުހަނު ގާތުންނެވެ. ވިސްނެމުން ދިޔަ ވަރަކަށް ޝާޢާގެ ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. އޭނަ ހުރީ ވީހާ ވެސް އަވަހަށް އެތަނުން ދާން ބޭނުން ވެފައެވެ. އިތުރަށް މަޑުކޮށްފިނަމަ ބިރުވެރިކަމަކާއި ލައިގެންފާނެކަމުގެ ހާސްކަން ކުއްލިއަކަށް އޭނަގެ ހިތަށް ސަވާރުވާން ފެށުމުންނެވެ.

''މިހާރު ވަރަށް ގިނަ އިރު މަޑު ކުރެވިއްޖެއެއްނު...'' އަނެއްކާ ވެސް ޝާޢާ އޭނަގެ އެދުން ތަކުރާރުކޮށްލިއެވެ. ޝާޢާއަށް ކަމެއް ވެއްޖެކަން ޔޫނުސްއަށް ފާހަގަކުރެވުނެވެ. ސުވާލުކުރުމުން ވެސް ޝާޢާ ތަކުރާރުކުރީ ހަމަ އެންމެ ޖަވާބެކެވެ. ލަސްވެއްޖެކަމަށާއި އޭނަ އަވަހަށް ގެއަށް ގެންގޮސް ދިނުމަށެވެ. އެންމެފަހުން ޔޫނުސް ޝާޢާ އެދުނު ފަދައިން ކަންތައް ކޮށްދިނެވެ. ޝާޢާގެ މިޒާޖަށް އައި ކުއްލި ބަދަލު އެނގެން އޭނަ ހުރީ ބޭނުންވެފައެވެ. އޭނަ އެސުވާލުތައް ކުރީ ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.

''އޭރު ކިހިނެއްވީތަ ކުއްލިޔަަކަށް ބިރުން އުޅުނީ؟...'' ޔޫނުސް އަހާލިއެވެ. އަލިކަން ވެރިވެފައި އޮތް ތަނަކަށް އާދެވުމުން ޝާޢާއަށް ހަމަޖެހުމެއް ލިބިފައި ވިއެވެ.

''އަނދިރިކަން ވެރިވާން ފެށީމަ... އައެމް ސްކެއާރޑް އޮފް ޑާރކްނެސް...'' ހަޤީޤަތް ހާމަނުކުރިކަމުގައި ވިޔަސް އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވާ މައިގަނޑު އެއްސަބަބު ޔޫނުސާ ޝާޢާ ހިއްސާ ކުރިއެވެ. އޭރުން ޔޫނުސްގެ އިތުރު ސުވާލުތަކުން އޭނައަށް ރެކިގަނެވިދާނެ އެވެ.

*****

އަންނަން ޖެހޭ ގަޑި ފަހަނައަޅައި ދިޔަ އިރު ވެސް ޝާޢާގެ ޚަބަރެއް ނުވާތީ ހަދީޖާ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. އޭނަ މިހާރު ޝާޢާއަށް ގުޅަން އެތައް މަސައްކަތެއް ކޮށްފި އެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. އަދި ވެސް އެއްފަހަރު ޝާޢާއަށް ގުޅާލަމުން ބޮޑުކޮޓަރިން އޭނަ ފެންޑާއަށް ނިކުމެލިއެވެ. ވަގުތަކީ ޖާބިރު ވެސް ގޭގައި އުޅޭ ގަޑިއެއް ނޫނެވެ. ހާޖާރާގެ ހިތް އެކަމާ ހުރެ ވެސް ވަނީ ނުތަނަވަސް ވެފައެވެ. މިހާރު އޭނަގެ ސިކުނޑިވަނީ ތާއަބަދު ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ކަމަކާއި މެދު ވެސް ވާނެ އެންމެ ނުބައި ގޮތަށް ހީކުރެވެނީ އެހެންނެވެ. އަމިއްލަ ޚިޔާލުތަކެއްގެ ތެރޭގައި ވަނިކޮށް ގެ ކައިރިއަށް ސައިކަލެއް މަޑުކޮށްލި އަޑު އިވުނެވެ. އޭގެ އިރުކޮޅެއް ފަހުން ދޮރާށި ހުޅުވާލާފައި ވަން ޝާޢާ ފެނި ހިތްހަމަޖެހުމުގެ ބަދަލުގައި ހަދީޖާގެ މޫނުމަތިން ފެނިގެން އައީ ނުރުހުމެވެ. އޭނަގެ ބަހަށް ޝާޢާ ބޯނުލެބުމުގެ ރުޅިވެރިކަން ރީއްޗަށް ފާޅުވާން ހުއްޓެވެ.

ގެއަށް ވަން ޝާޢާއަށް ފެންޑާގައި ހުރި ހަދީޖާ ފެނި ހުއްޓެވުނެވެ. ދުރުން ފެނުނުކަމުގައި ވިޔަސް އޭނައަށް މާމަގެ ނުރުހުންތެރިކަން ފާހަގަ ކުރެވުނެވެ.

''ކޮންތާކު ހުރެފަ ތިއައީ؟... ޝާޢާ ގާތު ބުނެފައެއްނު އޮތީ މަޢުރިބު ނަމާދު ގަޑިއަށް ގެއަށް އަންނާށޭ... ގުޅީމަ ފޯނަށް ޖަވާބެއް ދެނީކީ އެއް ނޫން...'' ޝާޢާ އައިސް އޭނައާއި އަރާހަމަވުމާއެކު ހަދީޖާ ބުނެލިއެވެ. އޭނަގެ އަޑުން ވެސް ހިތްހަމަނުޖެހިފައިވާ މިންވަރު ހާމަކޮށްދެއެވެ. މިއިން ދުވަހެއްގައި ވެސް މާމަގެ އެސިފަ ފެނިފައި ނުވާތީ ޝާޢާއަށް ހުރެވުނީ އެވެ. އޭނަ ދެރަ ވެސް ވިއެވެ. އޭނަގެ ފުށުން މާމައަށް ހާސްކަން ލިބުނީތީ އެވެ. ނަމަވެސް ޝާޢާއަށް ވިސްނައިނުގަނެވުނީ އެބަދަލުތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ސަބަބެވެ. އޭނަ ހުށަހެޅެމުން އެދާ ނުރައްކަލެވެ. އެކަމާ ހުރެ މާމައަށް ލިބިފައިވާ ބިރުވެރިކަމެވެ.

''ފޯނު ޗާޖު ހުސްވެގެން ނިވުނީ...'' މޮޅިވެރިކަން ވެރިވެފައިވި ރާގަކަށް ޝާޢާ ބުނެލިއެވެ. އަދި މަޢާފަށް އެދުނެވެ. މާމަގެ ރުޅިވެރިކަމާއި ހަރުކަށިކަން ފެނި އޭނަ ހުރީ އަސަރުކޮށްފައެވެ.

ހަރު އަޑުން ވާހަކަދެކެވެމުން ދިޔަކަން ހަދީޖާއަށް ރޭކާލީ ދެނެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލީ ސިކުނޑިއަށް ހަމަޖެހުމެއް ގެނެސްދޭށެވެ. ސައްހަ ސަލާމަތުން ޝާޢާ ހުރީތީ އޭނަގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް އޭނަގެ ސިކުނޑީގެ ހައިޖާންގަނޑަށް ނިމުމެއް ނައެވެ. ޝާޢާ ނުބުނިކަމުގައި ވިޔަސް ޝާޢާ ހުރީ ޔޫނުސްއާއި އެކުގައި ކަން ހަދީޖާއަށް ނަގައިގަނެވުނެވެ. އެގުޅުން އިތުރަށް ބަދަހިވެގެން ދާން ފަށައިފިނަމަ ވެދާނެ ގޮތަކާ މެދު އޭނަ ކަންބޮޑުވެއެވެ. ޝާޢާގެ އުފަލަށް ހުރަސްއަޅަން ބޭނުންނުވިކަމުގައި ވިޔަސް އެގުޅުމަށް އާނ ބަސް ދެވޭކަށް ނެތެވެ. ހަދީޖާއަށް ވިސްނެނީ އެކަމާ މެދުގައެވެ. ޝާޢާ އާއި އެމީހުންގެ ގުޅުމުގައި ކުންޏެއް ޖެހޭކަށް އޭނަ ބޭނުމެއް ނޫނެވެ. ހަމައެއާއެކު ޝާޢާއަށް ހިތާމައެއް ލިބޭކަށް ވެސް މެއެވެ. ހަދާނެ ގޮތް ހުސްވެފައިވާހެން ހަދީޖާއަށް ހީވިއެވެ. ކޮންމެ ފަދައަކުން ކަންތައް ކުރިކަމުގައި ވިޔަސް ނޭދެވޭ ނަތީޖާއެއް ނިކުންނާނެއެވެ. އޭގެ ސަބަބުން ގުޅުންތަކަށް ލޮޅުންތަކެއް އައުން ވެސް އޮތީ ނުހަނު ގާތުގައެެވެ.

''ނަމާދުކޮށްލަން ދޭ...'' މަޑުމައިތިރިކަން އަޑަށް ގެންނަމުން ހަދީޖާ ބުނެލިއެވެ. އޭނަގެ މަގުސަދުކަމުގައި ވީ އޭނަ ޝާޢާ ދެކެ ރުޅިއައިސްފައި ނެތްކަން ހާމަކޮށްދޭށެވެ.

ދެކޮޅުހެދުމެއް ނެތި ޝާޢާ އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ.

*****

ފެންވަރާ ތާޒާވެލުމަށްފަހު ޝާޢާ ނަމާދަށް އެރިއެވެ. އެއަށްފަހު ޛިކުރު ކުރުމަށް އޭނަ ކުޑަ ވަގުތުކޮޅެއް ހުސްކުރިއެވެ. އަޅުކަން ނިންމާލުމަށްފަހު މުސައްލަ އޮޅާލަމުން ގެންގޮސް ކޮޓަރީގައި ހުރި ކަބަޑު މަތީ ބޭއްވި އެވެ. އަދި އޭނަގެ އަތްދަބަސް ތެރޭން ފޯނު ނަގައިގެން ގޮސް ޗާޖަށް ޖަހާލިއެވެ.

މުޅި ދުވަހު ބުރަކޮށް އުޅުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވި ވަރުބަލިކަން ޝާޢާއަށް އިހުސާސްކުރެވިގެން ދިޔައީ ދާނުގައި އޮށޯތުމުންނެވެ. ސިކުނޑިއަށް ހަމަޖެހުމެއް ނުލިބެނީސް އެދަނޑިވަޅުގައި ޝާޢާގެ ޚިޔާލަށް ވެރިވެގެން އައީ މިއަދު ގޮނޑުދޮށުން އޭނައަށް ދިމާވި ހާދިސާ އެވެ. އެއާއެކު މުޅި ހަށިގަނޑަށް ފިނިކަމެއް ސަވާރު ވިއެވެ. އެއީ ހީއެއްކަމުގައި ޤަބޫލުކުރަން އޭނަގެ ޒަމީރު ދެކޮޅު ހަދައެވެ. އެހެންކަމުގައި ވިޔަސް އެއީ ހަޤީޤަތެއްކަން ވެސް އޭނައަށް ޔަޤީނެއް ނުވިއެވެ. ބުއްދިއަށް ޤަބޫލުނުކުރެވޭ ކަންތަކެއް އެކަމުގައި އެކުލެވިފައި ވީތީއެވެ. އިތުރު މީހެއްގެ ގާތުގައި ހާމަކުރިނަމަ އޭނައަށް ކުރާނީ މަލާމާތެވެ. ޝައްކުބަލީގެ ޝިކާރައަކަށް ވެފައިވާ ކަމަށް ވެސް ބުނާނެއެވެ. އެހެނަސް އެކަން އިހުސާސް ކުރެވުނީ އޭނަ އަށެވެ. އެއަޑު އިވުނީ ވެސް އޭނަ އަށެވެ. އެއީ އަނބުރާލާފައި ދިއުމަށް އޭނައަށް ދިން އިންޒާރެކެވެ. ހަމައެއާއެކު އޭނަގެ ހިތަށް ބިރުވެރިކަން ވެސް ސަވާރުވެގެން އައީ ކުއްލިޔަކަށެވެ. މީހަކު އޭނައަށް ކަމެއް އަންގައިދޭން އުޅުނު ކަހަލައެވެ. ކަން އެހެން އޮތްކަމުގައި ވިޔަސް އޭނަ އެކަންތައް ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އޭނަގެ ނަފުސާނީ ބައްޔެއް އުޅެނީ ހެއްޔެވެ؟ ނުފެންނަ ކަންތައް ފެނި އިހުސާސް ކުރެވެނީ އެސަބަބާ ހުރެ ހެއްޔެވެ؟

''އަނެއްކާ ކިހިނެއް ވާންތަ މިއުޅެނީ... އެއްވެސް ކަމެއް ޔަޤީނެއް ނުވޭ، ވަހުމުތަކެއްގެ ތެރޭގައި އުޅެވޭ ކަހަލަ، ބައެއްފަހަރު ހަޤީޤަތާ އެއްގޮތްކަން އިހުސާސްކުރެވޭ... އަނެއްކާ ދަންވަރު އަހަންނަށް ފެންނަ ހުވަފެންތައް، އެކަމުގެ ފަހަތުގައިވަނީ ކީކޭކަމެއް ވެސް ނޭގޭ... ކޮންމެ ފަހަރަކު އާދެވެނީ އެއްތާކަށް، ތަކުރާރުވަނީ އެއްކަމެއް... ފެންނަނީ ހަމަ އެންމެ ބިރުވެރި މަންޒަރެއް... އޯހް ގޯޑް!... އަނެއްކާ އަހަރެންގެ ނަފުސާނީ ބައްޔެއް ހުންނަނީތަ؟، މިކަންތަކަށް ދެން އޮންނާނެތަ އިތުރު ޖަވާބެއް؟...''

ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޝާޢާއަށް އޭނަގެ ހިތާއި ސުވާލުކުރެވުނެވެ. ވާނުވާ ނޭގޭ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅެވޭ ކަހަލައެވެ. ލޮލަށް ފެންނަ މަންޒަރުތައް ވެސް ބައެއްފަހަރު އޭނައަށް ކެހި ދެއެވެ. ބަރޯސާ ވާންވީ ކޮން ކަމަކަށްކަމެއް އޭނައަކަށް ނޭގެއެވެ.

''އަނެއްކޮޅުން މާމައާއި ކާފައަށް ވެސް ބަދަލުތަކެއް އައިސްފި، ކުރިން މާމާ އެހާ ހަރުކައްޓެއް ނުވާނެ، އެކަމަކު މިރޭ ފެނިގެން މިދިޔައީ މުޅިން އެހެން މަންޒަރެއް... ހެނދުނު ވެސް ކަމަކާ ކަންބޮޑުވެފަ ހުރީ، އެކަން އޮޅުންފިލުވަން ވެސް ވަގުތެއް ނުވީ...''

ވިސްނެމުން ދިޔަ ވަރަކަށް ހިތުގެ ހަމަޖެހުން ގެއްލިގެން ދިއުން ނޫންކަމެއް ނުވިއެވެ. އޭނަ ހަނދާން ހުންނަން ފެށީއްސުރެން ފެށިގެން ވަކި އިންތަކާއި ޝަރުތުތަކެއް އޭނައަށް އޮންނަނީ ކަނޑައެޅިފައެވެ. ފުރާވަރު އުމުރުގައި އޭނަ ހީކުރީ އެއީ ހުރިހާ ގެއެއްގައި ވެސް އޮންނަ އާދައެއް ކަމުގައެވެ. އަންހެންކުދިން އުޅެން ޖެހޭނީ ވަކި މިންގަނޑެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް ސްކޫލުގެ މަތީ ސާނަވީ ދައުރު ނިމި އޭނަ ވަޒީފާއަށް ދާން ފެށިއިރު ވެސް އޭނަގެ ޝަރުތުތަކަށް އުނިއިތުރެއް ނާދެއެވެ. އޭނަ ނިންމީ އެއީ މާމައާއި ކާފަ އޭނަދެކެ ވާލޯތްބެއްގެ ސަބަބުން ކަމަށެވެ.

އެހެނަސް މިވީހާ ތަނަށް ވެސް ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް އޭނަގެ ހިތުގައި ވެއެވެ. އޭނަގެ މައިންބަފައިންގެ ވަނަވަރާ މެދު ސުވާލުކުރާ ކޮންމެ ފަހަރަކު އެސުވާލުތައް އޮބިގެން ދަނީއެވެ. ދެވަނަ ފަހަރަށް ތަކުރާރުކުރަން ނުކެރެނީ ކާފަމެން ހިތްހަމަނުޖެހިދާނެކަމުގެ ލިސާންތައް އޭނައަށް ފާހަގަކުރެވޭތީ އެވެ.

އުމުރުން ތޭވީސް އަހަރު ވިއިރު ވެސް ޝާޢާއަށް އޭނަގެ މައިންބަފައިންނާ ބެހޭ ގޮތުން އޮޅުން ފިލާފައިވަނީ ވަރަށް ވެސް މަދު މިންވަރެކެވެ. އެވެސް އޭނައަށް ކިޔާދީފައިވާ ވާހަކަތަކުން އޭނަގެ ހަނދާނުގައި ކުލަ ޖައްސާފައިވާ މަންޒަރުތަކެވެ. އޭނައަށް ވަނީ މާމަ އަތުގައި އޮންނަ އެންމެ އިހުޒަމާނުގެ ފޮޓޯ އަލްބަމަކުން އޭނަގެ މަންމައާއި ބައްޕަ ފެނުމުގެ ނަސީބު ލިބިފައެވެ. މަންމައާއި ބައްޕައާއެކު އޭނަގެ އެންމެ ތުއްތު އިރުގެ ފޮޓޯއެއް ވެސް އޭގައި ވެއެވެ. ނަމަވެސް އެދުވަސްވަރުގެ އިތުރަށް އެންމެ ފޮޓޯއެއްގެ މިންވަރު ވެސް ނެތެވެ. މާމަ ބުނެފައިވާ ގޮތުން އޭނަގެ މައިންބަފައިން ޤުދުރަތީ މަރެއްގައި މިދުނިޔެ ދޫކޮށް ގޮސްފައިވަނީ އޭނަގެ އުމުރުން ދެމަސްވީތަނާ އެވެ.

*****

ޖާބިރު ބޭރުތެރޭގައި އުޅެފައި ގެއަށް އައީ ނުވައެއް ވެސް ޖަހަން ކައިރިވެފައި ވަނިކޮށެވެ. ރޭގަނޑުގެ ކެއުމަށްފަހު ބޭރު ޖޯލިފަތީގައި ފޯނުން ޔޫނުސްއާ ވާހަކަދައްކަން އޮތް ޝާޢާއަށް ޖާބިރުގެ އަތުގައި ހުރި ތަފާތު ކޮތަޅުތައް ފެނި ހައިރާންކަން ލިބުނެވެ. ނުވީތާކަށް ޖާބިރާއެކު ގެއަށް ވަދެގެން އައި ދެބައިއުމުރުގެ ފިރިހެން މީހާ ދެއަތުން ހިފަހައްޓައިގެން ހުރި ކޮއްޓެއްގެ ތެރޭގައިވި ކަޅުކުކުޅު ޝާޢާ ފާހަގަކުރެވުނީ ބަދިގެ ކައިރީގައި ބެހެއްޓުމުންނެވެ.

''ކާފަ އިތުޅެނީ ކެއުމެއް ދޭންތަ؟...'' ކޮންމެ ޢީދެއްގައްޔާއި ހާއްސަ މުނާސަބަތުތަކުގައި ޖާބިރު ދިވެހި ކުކުޅު ކަތިލައިގެން ކެއުމެއް ދެއެވެ. ޝާޢާއަށް ހީކުރެވުނީ މިފަހަރު ވެސް އެފަދަ ގޮތަކަށެވެ. ޝާޢާއަށް ހިނިތުންވެލި ޖާބިރު ޝާޢާއަށް އަރާފައި ހުރި އޮޅުން ސާފުކޮށްދޭކަށް ނޫޅުނެވެ. އެއީ އެންމެ ރަގަޅު ގޮތްކަމުގައި އޭނައަށް ފެނުނީތީއެވެ. އިތުރު ސުވާލެއް ކުރިމަތިވުމުގެ ކުރީން ޖާބިރު ހިނގައިގަތީ އެތެރެއަށެވެ. މިރޭ އޭނަ ވަނީ ބޮޑު ކަންތައްގަނޑަކަށް އަމާޒު ހިފާފައެވެ. އެއީ އޭނައަށް މިހާރު އޮތް ހަމައެކަނި މަގެވެ. އޭނަގެ ހަތުރުންގެ މައްޗަށް ގަދަވެވެން އޮތް ހަމައެކަނި ރާސްތާ ވެސް މެއެވެ. ދަންވަރު އޭނަގެ ފަހުގެ އުކުޅު އޭނަ ބޭނުންކުރަން ފަށާނީ ޝައިތާނުންގެ މަދަދާއެކުގަ އެވެ.

*****

އިސްދަމުގެ ވަގުތެވެ. ނިދީގައި އޮތް ޝާޢާއަށް ސިހިފައި ހޭލެވުނެވެ. އޭނައަށް މިފަހަރު ހުރެވުނީ މުޅިން ވެސް އެހެން މާހައުލެއްގައެވެ. ވަށައިގެންވި އަނދިރިކަން ފޫއަޅުވާލާފައި ވަނީ ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ އަލިފާންކަނީގެ އަލިންނެވެ. ނާމާންކަން އައިސް އޭނަ ވަށާލައި ހާސްކުރަން ފެށުމުން ޝާޢާ ބޭނުންވީ އަލިފާނުގެ އައްޔާއި ހަމައަށް ވާސިލުވާށެވެ. ނަމަވެސް އޭނައަށް ގުޑި ވެސް ނުލެވުނީ ފައިގައި ހިލިހިލާ ޖަހާފައިވުމުންނެވެ. އޭނަ ދެން މަސައްކަތްކުރީ އެހިލިހިލާތަކުން މިންޖުވޭތޯއެވެ. މުޅި މީހާ ދަލުން ފޯވެ ހަށިގަނޑަކުން ހަކަތަ ހުސްވިއިރު ވެސް ކާމިޔާބެއް ނުލިބުނެވެ. ކުއްލިޔަކަށް ހިޔަންޏެއްގެ ހިލަން ވިހެން ހީވުމާއެކު ޝާޢާގެ ދެލޯ ކަމަކަށް ހުށިޔާރު ވެލިއެވެ. ބިރުން ގޮސް މުޅި މީހާ އޭރު ވަނީ ދަލުން ފޯވެފައެވެ. އޭނައަށް ނުފެނުނުކަމުގައި ވިޔަސް އިތުރު މީހަކު އުޅޭކަން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިތުރަށް އޭނަ ހާސްވީ ވެސް އެހެންވެ އެވެ.

''ކާކު؟...'' ޖެހިލުންވުމުގެ ތެރޭން ޝާޢާ ބުންޏެވެ.

''ކަލޭގެ މަރު...'' ބިރުވެރި ހުނުމެއްގެ އަޑު އިވުނެވެ. އެއާއެކު ޝާޢާއަށް ރޮވުނެވެ. ކައިރިވަމުން އައި ހިޔަންޏާއި ދުރަށް ދާން އޭނަ މަސައްކަތްކުރި އެވެ. އެހެނަސް ފައިގައި ޖަހާފައިވާ ހިލިހިލާގެ ސަބަބުން ހުރިތަނުން ގުޑާ ވެސް ނުލެވުނެވެ. ޝާޢާއަށް ބާރަށް ގިސްލެވުނެވެ.

''ކަލޭ ތިރޮނީ ކާކުގެ ހަމްދަރުދީއެއް ހޯދަންތަ؟... މިތާ އެއްވެސް މީހެއްގެ ފަރާތުން ކަލެއަށް ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ނުލިބޭނެ، މިތާ އެންމެން އެތިބީ ކަލޭގެ ފުރާނައަށް ފެންބޮވައިގަނެފަ... ކަލޭގެ ނިކަމެތިކަމާއެކު މަރުވެގެންދާނީ އަހަރުމެންގެ އަތުން ސަޒާ ލިބޭ ހާލު، ރޮއި ހޭރި އާދޭސްކުރާ ހާލު... އެއީ ކަލޭމެންގެ ފުށުން އަހަރުމެންނަށް ކުރިމަތިވި ކަންތަކުގެ ބަދަލު...'' އިސްކޮޅުން ދިގު މީހަކު ކުރިމައްޗަށް ހުއްޓުނުކަން ޝާޢާއަށް އެނގުނެވެ. އަނދިރީގެ ތެރޭން ވެސް އެއީ ބިޔަ މީހެއްކަން ފާހަގަ ކުރެވެއެވެ. ބައެއްފަހަރު އިންސާނެއްގެ ސިފަތަކާ އެއްގޮތް ވާހެން ވެސް ހީވެއެވެ.

''މީ ފެށުން ކަމުގައި ދެކޭތި، ލަހެއް ނުވެ ކަލޭ ހުންނާނީ މިތާނގައި، އަހަރުމެންގެ މުށުގެ ތެރޭގައި ގައިދުވެފައި...'' ކުއްލިޔަކަށް އެމީހާ ޝާޢާގެ ކަރުގައި ހިފައި ބިންމަތިން އުފުއްލާލީ ލުއި ފަތެއްގެ އުސޫލުންނެވެ. ކަރަށް ބާރުވެގެން އައި މަޅިއާއެކު ނޭވާއަކަށް އެދި ޝާޢާއަށް ތެޅިފޮޅިގަނެވުނެވެ. އޭނަގެ ދެލޯބޮޑުވެފައިވިއިރު އަނގަވެސް ހުޅުވިފައިވިއެވެ. މޫނުގެ ކުލަ ފަނޑުވެ ދިރުން ގެއްލެން ވެސް ފަށައިފިއެވެ.

''އެހާ ފަސޭހައިން މަރުވުމުގެ ފުރުސަތެއް ނުލިބޭނެ، އަމިއްލައަށް ނެތިގެން ދިއުމަށް ބޭނުންވާއިރު ވެސް ކަލެއަށް އެފުރުސަތު ނުލިބޭނެ، އަހަރުމެންގެ ހިތް ފުރެންދެން ކަލެއަށް ސަޒާ ލިބޭނެ، ކަލޭ ވާނީ އަހަރުމެން މުނިފޫހިފިލުވުމުގެ އުކުޅެއް ކަމުގައި...'' ފަހުނޭވާވަޅަށް އެޅުނު ހިނދު އެމީހާ ޝާޢާގެ ކަރުން ދޫކޮށްލިއެވެ. އެއާއެކު ކަނޑާފަ ވައްޓާލި ރުކެއް ފަދައިން ޝާޢާ ގޮސް ބިންމަތީގައި ޖެހުނު އަޑުފަށްގަނޑު މުޅި ތަނުގައި ހިފާލިއެވެ.

*****

ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ.

(ނުނިމޭ)