11 Apr 2017, 00:57
ކްލަބު މޯލްޑިވްސް ކަޕްގެ 'ގްރޫޕް ޑީ'ގައި ކުޅުނު މެޗުތަކުން އެމްޕީއެލް އަދި އެމްޑަބްލިޔުއެސްސީ ފަސޭހަ މޮޅެއް ހޯދައިފިއެވެ.
ކުޅިވަރު އެކުވެނި ވެލިދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުގައި އެމްޕީއެލްއިން ވަނީ 4-0 ލަނޑުގެ ނަތީޖާއަކުން ކްލަބު އެމްޓީސީސީ އަތުން މޮޅުވެފައެވެ.
އެމްޕީއެލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އަލީ ޝާފިއު (ރޮނާ) ކާމިޔާބުކުރިއިރު، އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ފުރަތަމަ ޑިވިޝަންގައި ކްލަބު ވެލެންސިއާއަށް ކުޚެމުންދާ ހުސައިން ނިހާން (ނިހާޓު) އާއި ހުޒައިފަތުއެވެ.
ގްރޫޕް ޑީގައި ކުޅުނު އަނެއް މެޗުގައި ޓީމް އެފްއެސްއެމްއާ ދެކޮޅަށް ކުޅެ، މޮޅު ކުޅުމަކާއެކު އެމްޑަބްލިޔުއެސްސީން ވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ. އެ މެޗުން އެމްޑަބްލިޔުއެސްސީ މޮޅުވެފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.
ފުޓްސަލްގައި ކާމިޔާބު ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަހްމަދު އަލީ (ސޮނާލީ)ގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އެމްޑަބްލިޔުއެސްސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް ފަހީމްއާއި، ހުސައިން އާތިފް އަދި ފުރަތަމަ ޑިވިޝަންގައި ކްލަބު ވެލެންސިއާއަށް ކުޅެމުންދާ މުހައްމަދު ތަޝްނީމް (ތައްތި)އެވެ.
ކްލަބު މޯލްޑިވްސް ކަޕްގައި އަންގާރަ ދުވަހު ކުޅޭ މެޗުތައް:
16:15- ކްލަބު އެމްއާރްޑީސީ – ސްޓެލްކޯ ރެކްރިއޭޝަން ކްލަބު (ގްރޫޕް އީ)
16:15- ޓީމް ފެނަކަ – ޕޮލިސް ކްލަބު (ގްރޫޕް އެފް)
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.
މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.