ދެހާސް ތޭރަވަނަ އަހަރު މިސް ވޯލްޑް ވިލިޕީންސް އަދި މިސް ވޯލްޑް ކާމިޔާބުކުރި މެގަން ޔަންގް އާއި ފިލިޕީންސްގެ "ކުއީން އޮފް އޯލް މީޑިއާ"ގެ ނަމުން މަޝްހޫރު ކްރިސް އެކުއިނޯ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

މިސް ވޯލްޑް ކާމިޔާބުކުރި ފުރަތަމަ ފިލިޕީންސްގެ އިތުރުން އެކްޓްރެސް އަދި މޮޑެލް މެގަން ޔަންގުގެ އިންސްޓްގަރަމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން، އޭނާގެ ލޯބިވެރިޔާ، ފިލިޕީންސްގެ ކޮމާޝަލް މޮޑެލް އަދި އެކްޓަރު މައިކަލް ޑައީޒް އާއެކު ރާއްޖެ އައިސްފައި ވަނީ މިއަދު އެވެ.

ސިންގަޕޫރު އަދި މެލޭޝިއާއަށް ދިއުމަށް ފަހު މެގަން ޔަންގާއި އޭނާގެ ލޯބިވެރިޔާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދަނީ ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކ. މާފުށީގަ އެވެ. މެގަން ޔަންގް ދަނީ އޭނާ ރާއްޖޭގައި ހޭދަކުރަމުންދާ ޗުއްޓީގެ ފޮޓޯތައް އިންސްޓަގުރަމް މެދުވެރިކޮށް އޭނާގެ 1.5 މިލިއަން ފޮލޯވަރުންނާ ހިއްސާކުރަމުންނެވެ.

މެގަން ޔަންގްގެ އިތުރުން، ފިލިޕީންސްގެ ބަތަލާ، ވިޔަފާރިވެރިޔާ އަދި ލިޔުންތެރިޔާ ކްރިސްޓީނާ ބާނަޑެޓް ވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ފިލިޕީންސްގައި "ކުއީން އޮފް އޯލް މީޑިއާ"ގެ ނަމުން މަޝްހޫރު ކްރިސް ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިން، އޭނާގެ ދަރިފުޅާއެކު އެވެ. ޗުއްޓީގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ކްރިސްގެ އިންސްޓުގްރަމް އެކައުންޓުގައި ހިއްސާ ކުރަމުންދާއިރު، އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގަ އެވެ.

ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ކްރިސް ބުނެފައި ވަނީ، ރާއްޖެ އައުމަކީ އޭނާ ކުރަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.