ކްލަބު މޯލްޑިވްސް ކަޕްގެ 'ގްރޫޕް ސީ'ގެ ފުރަތަމަ މެޗުތައް އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި އެލައިޑުން ކާމިޔާބުކޮށްފި އެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް ސީގެ މެޗުގައި ކްލަބު އިމިގްރޭޝަން އަތުން އެސްޓީއޯ މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

އެ މެޗުގައި ފާއިތުވެދިޔަ އަހަރުތަކުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދާ އެސްޓީއޯގެ ފަރާތުންނާއި ކްލަބު އިމިގްރޭޝަންގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. އެ މެޗުގައި އެސްޓީއޯއިން ކާމިޔާބުކުރި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިސްމާއީލެވެ.

ގްރޫޕް ސީގައި އެލައިޑުން ވަނީ މޮޅު ކުޅުމަކާއެކު ކްލަބު ޓީސީއެލްގެ މައްޗަށް ކުރި ހޯދައިފައެވެ. އެ މެޗުގައި ޓީސީއެލްގެ މައްޗަށް އެލައިޑުން ކުރި ހޯދާފައިވަނީ 6-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އެލައިޑުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ފުރަތަމަ ޑިވިޝަންގައި ކްލަބު އީގަލްސްއަށް ކުޅެމުންދާ ރިހާމް އަބްދުލްޣަނީ (ބޮބީ) ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ގައްސާން ލަބީބާއި، އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އަދި މުހައްމަދު ރިއްފަތެވެ. ބޮބީގެ އިތުރުން މުއްކިއަކީ ވެސް ކްލަބު އީގަލްސްއަށް ކުޅޭ ކުޅުންތެރިއެކެވެ. ޓީސީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ނަސީމްއާއި އިބްރާހިމް ރައްޒާންއެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި އަންގާރަ ދުވަހު ކުޅޭ މެޗުތައް:

16:15- ކްލަބު އެމްއާރްޑީސީ – ސްޓެލްކޯ ރެކްރިއޭޝަން ކްލަބު (ގްރޫޕް އީ)

16:15- ޓީމް ފެނަކަ – ޕޮލިސް ކްލަބު (ގްރޫޕް އެފް)

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.