11 Apr 2017, 08:29
އިސްލާމީ ތާރީހާ ގުޅިފައިވާ، ދުނިޔޭގެ ބައެއް ގައުމުތަކަށް ޒިޔާރަތްކޮށް ތާރީހީ ތަންތަން ބަލާލުމުގެ ފުރުސަތާއެކު އުމުރާ ވެވޭ ގޮތަށް ހައްޖު ކޯޕަރޭޝަނުން ހާއްސަ ޕެކޭޖުތަކެއް ތައާރަފްކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން އުމްރާއަށް ތިން ޕެކޭޖެއް ހާއްސަކޮށްފައިވާއިރު، އެ ޕެކޭޖްތަކުގެ ދަށުން ފަލަސްތީނާއި މިސްރު ފަދަ ގައުމުތަކުގެ ތާރީހީ ތަންތަން ބަލައިލެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އެ ޕެކޭޖުތަކަކީ މިއަހަރުގެ ޑިސެމްބަރު މަހު އުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހާއްސަކޮށްގެން އިއުލާންކޮށްފައިވާ ޕެކޭޖިތަކެވެ.
ފުރަތަމަ ޕެކޭޖުގައި ފަލަސްތީނާއި މިސްރު އަދި އުރުދުނަށް ދެވޭ ގޮތަށް ހަމަޖެހިފައިވާއިރު އެ ޕެކޭޖުގެ ދަށުން ކުރާ ދަތުރުގައި ހޭދަ ކުރަންޖެހޭނީ 11 ދުވަހެވެ. އެ ޕެކޭޖުގެ އަގަކީ 38,965 ރުފިޔާ އެވެ.
ދެ ވަނަ ޕެކޭޖުގެ ދަށުން ކުރާ ދަތުރުގައި ހޭދަ ކުރަންޖެހޭނީ 16 ދުވަހެވެ. އެ ޕެކޭޖުގައި އުރުދުން އަދި ފަލަސްޠީނަށް ޒިޔާރަތް ކުރުމަށްފަހު ސައުދީ އަރަބިއްޔާގެ މައްކާއަށް ޒިޔާރަތްކޮށް ޢުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެ ޕެކޭޖުގެ އަގަކީ 39,965 ރުފިޔާ އެވެ.
އޭގެ އިތުރުން 48,965 ރުފިޔާގެ ޕެކޭޖުގެ ދަށުން އުރުދުން، ފަލަސްޠީން އަދި މިސްރަށް ޒިޔާރަތް ކުރުމަށްފަހު ސައުދީ އަރަބިއްޔާގެ މައްކާއަށް ޒިޔާރަތްކޮށް ޢުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އެއަށްފަހު މަދީނާއަށް ޒިޔާރަތްކޮށް އެނބުރި މައްކާއަށް ވަޑައިގެން ދެވަނަ ޢުމްރާއެއް ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ހަތަރެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ގުރޫޕެއް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ކޮންމެ ބޭފުޅަކަށް 1,000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.
"އަދި 10 ބޭފުޅުންގެ ގްރޫޕެއް ރަޖިސްޓްރީކޮށްދެއްވާ ފަރާތަކަށް 50 ޕަސެންޓްގެ ޑިސްކައުންޓެއް ލިބިވަޑައިގަންނަވާނެ. އަދި ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޙާއްސަ ޑިސްކައުންޓެއް ލިބޭއިރު، ދެ އަހަރުން ދަށުގެ ކުދިންނަށް ވަރަށް ޙާއްސަ ޑިސްކައުންޓެއް ލިބިގެންދާނެ،" ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އުމްރާއަށް ރަޖިސްޓްރީ ކުރުމާ ބެހޭ ފޯމް އެ ކޯޕަރޭޝަންގެ އޮފީސް، ވެބްސައިޓް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތައް، އަތޮޅު ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުން ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ރެޖިސްޓްރީ ކުރުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މިއަހަރު ނޮވެމްބަރު 15 ވަނަ ދުވަހެވެ. އެ ތާރީހުގެ ކުރިން ބައިބަޔަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.