މީޑިއާގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަށް ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން މީޑިއާ ކައުންސިލުގެ ކުރީގެ ރައީސުން އެއްބަސްވެއްޖެ އެވެ.

މީޑިއާ ކައުންސިލުގެ ރައީސްކަން ކޮށްފައިވާ ހަތަރު ބޭފުޅަކު ވަނީ މީޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރުމަށް އިގުރާރެއްގައި ސޮއިކޮށްފަ އެވެ. އެއީ ނިމުނު ދައުރުގެ މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް (މޮންދު) އާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ނާޒީފާއި، އަބްދުﷲ މުއާޒު ޔޫސުފުގެ އިތުރުން ހުޝާމް މުހައްމަދެވެ.

ނަމަވެސް އެ އިގުރާރުގައި މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް އަދި ދައުލަތުގެ މީޑިއާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ސޮއިކުރައްވާފައެއް ނުވެ އެވެ.

އެ އިގުރާރުގައި ބުނެފައިވަނީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން އޭގެ އެންމެ ފުޅަދާއިރާއެއްގައި ހޯދައި ދިނުމަށް ޤާނޫނީ ހަމަތަކުގެ މަތިން މަސައްކަތް ކުރާނެ ކަމަށެވެ.

ނިމުނު ދައުރުގެ މީޑިއާ ކައުންސިލުގެ ރައީސް އާސިފް (މޮންދު) 'ސަން' އަށް މިރޭ ވިދާޅުވީ އިގުރާރެއްގައި ސޮއިކުރެވިގެން ދިޔައީ މިހާރު މީޑިއާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށެވެ.

"މީޑިއާ ކައުންސިލުގެ ރައީސްކަން ކޮށްފައިވާ ފަރާތްތަކެއްގެ ހައިސިއްޔަތުން މީޑިއާތަކުގެ މިނިވަކަމުގެ ހައްގުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ގަބޫލުކުރެވޭ" މޮންދު ވިދާޅުވި އެވެ.

މީޑިއާ ކައުސިލްގެ ކުރީގެ ރައީސުން އިގުރާރެއްގައި ސޮއިކޮށްފައި މިވަނީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ނޫސްވެރިންނާއި ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުން ޖޫރިމަނާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.