06 Jul 2011, 12:49
އިންޑިއާ އިން ރާއްޖެ އައި ދެ ބިދޭސީއަކު އިމިގްރޭޝަންގެ އެންޓްރީ ތައްގަނޑު ނުޖަހައި ރާއްޖެ އެތެރެވެފައިވާ ކަމަށް އެ ދެ މީހުން ރެކްރޫޓް ކުރި އެޖެންސީ އިން މިއަދު އެވެ.
ނަން ހާމަކުރުމަށް އުޒުރުވެރިވެ، ސަން އަށް ވާހަކަ ދެއްކި ބިދޭސީން ގެންނަ އެޖޭންސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އައިލޭންޑް އޭވިއޭޝަންގެ ފްލައިޓެއްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ރާއްޖެ އައި އިންޑިޔާގެ ދެ ރައްޔިތުން ކަމަށްވާ އަމިތާއި އާނަންދަލާލްގެ ޕާސްޕޯޓްގައި ވަނީ އެންޓްރީ ތައްގަނޑު ނުޖަހައި ކަމަށެވެ.
އެ އޭޖެންސީން ވަނީ އެ ދެ މީހުންގެ ޕާސްޕޯޓް ވެސް ސަންގެ ނޫސްވެރިންނަށް ދައްކައިފަ އެވެ. އެއްވެސް ގައުމަކަށް އަދި އެތެރެވެފައި ނުވާ އެ ދެ ޕާސްޕޯޓްގައި ހަމަ އެކަނި ޖަހާފައި ވަނީ އިންޑިޔާގެ ޓްރިވެންޑްރަމުން ބޭރުވި ކަމުގެ ތައްގަނޑު އެކަންޏެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓްރޯލާ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ "އެއީ ނުވާނެ ކަމެއް ކަމަށް ދަންނަވަން ދަތި" ކަމަށާއި "އެކަމަކު ޖެހޭނީ ބަލައިލާން" ކަމަށެވެ.
އޭނާ ވިދާޅުވީ ކުރީގެ އަހަރުތަކުގައި ވެސް އެފަދަ ކަންކަން މަދުމަދުން ހިނގާފައިވާ ކަމަށެވެ.
އިންޑިއާ ދެ މީހުން ރާއްޖެ އެތެރެ ކުރި އޭޖޭންސީން ބުނި ގޮތުގައި އެ ދެ މީހުންގެ ނަމުގައި ޑިޕޮޒިޓް ދައްކާފައި ނެތުމުން އެ މީހުން ފުރަތަމަ ގެންދިޔައީ ޖީއެމްއާރު އެއާޕޯޓްގައި ހުންނަ "ޑިޓެންޝަން ސެންޓަރަށެ"ވެ. ޑިޕޮޒިޓް ދެއްކުމަށް ފަހު އެ މީހުން ދޫކޮށްލި އިރު އެ މީހުންގެ ޕާސްޕޯޓްގައި ވަނީ އެންޓްރީ ތައްގަނޑު ނުޖަހަ އެވެ.
ޝާހިދު ވިދާޅުވީ ޕާސްޕޯޓްގައި ތައްގަނޑު ނެތަސް އެ މީހުންގެ މައުލޫމާތު ހުންނާނީ ސިސްޓަމްތަކުގައި ރެކޯޑްކުރެވިފަ އެވެ.
އިމިގްރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސް މިނިސްޓްރީން ބަލަހައްޓަމުން އައި ބިދޭސީންގެ ރެކޯޑްތައް ދިމާނުވާތީ، އިމިގްރޭޝަން ޑިޕާޓްމަންޓްގެ ކައުންޓަރުތައް ސިފައިންނާ ހަވާލުކޮށް، ރާއްޖޭގެ މައިގޭޓްގައި ސިފައިންގެ މިލިޓަރީ ޔުނީފޯމްގައި ތިބެގެން ބިދޭސީންނާއި ދިވެހިންގެ ޕާސްޕޯޓްތަކުގައި ތައްގަނޑު ޖެހުން ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ.
ސިފައިން އިމިގްރޭޝަންގެ "ކޮންޓްރޯލް ނެގި"ފަހުން ދިވެއްސަކަށް ވަނީ އެއާޕޯޓް އިމިގްރޭޝަނުން 30 ދުވަހުގެ އޮން އެރަވަލް ވީސާދީ ޕާސްޕޯޓްގައި ތައްގަނޑު ޖަހައިފަ އެވެ.