10 Apr 2017, 17:48
ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުވެއްޖެ އެވެ.
އެ މައްސަލައިގެ އަޑު އެހުމެއް މިއަދު ބާއްވާފައިވާއިރު، އެ މައްސަލައާ ހަވާލުވެފައި ވަނީ އާދަމް އާރިފެވެ.
މީގެ ކުރިން އެ މައްސަލަ ބައްލަވަމުން ގެންދިޔައީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.
ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން އާއި އެ ރަށު ބީޗުވިލާ އަލީ ސިފާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.
އެ ހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެ ދެ މީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
ޒިޔަދަމްގެ މަރާ ގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ އަޑުއެހުމުގައި ޝަނޫންގެ ގާނޫނީ ވަކީލު ވިދާޅުވީ، އެ މައްސަލައިގެ ލިޔުންތައް ލިބިފައިނުވާ ކަމަށާއި، ދިފާއުގައި ޖަވާބުދާރީ ވެވޭނީ ލިޔުންތައް ލިބުމުން ކަމަށެވެ.
ގާޒީ ވިދާޅުވީ، ލިޔެކިޔުންތައް ހޯދުމަށް އެދިފައިވަނީ އިއްޔެ ކަމަށާއި، ލިޔުންތައް ހަވާލު ކުރުމުގެ ކަންތައް މިއަދު ފަށާފައިވާ ކަމަށެވެ. އެހެން ކަމުން ލިޔުންތައް ލިބުމަށްފަހު 10 ދުވަހުގެ މުއްދަތެއް ލިޔުންތައް ދިރާސާ ކުރުމަށް ވަކީލަށް ފުރުސަތު ލިބޭނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި އެ މައްސަލައިގެ ދައުވާ ލިބޭ ސިފާމްގެ ފަރާތުން އޭނާގެ ވަކީލު ވަނީ، ދައުލަތުން ހުށަހަޅާފައިވާ ހެކީގެ ތެރެއިން ސިފާމްގެ މައްޗަށް ހުށަހަޅާފައިވާ ހެކި އެނގޭނެ ގޮތަކަށް ހުށަހަޅައި ދިނުމަށް އެދިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގާޒީ ވިދާޅުވީ، ހެކި ހުށަހަޅާ ދުވަހު ހެއްކާ ބެހޭ ގޮތުން ގާނޫނީ ގޮތުން ސުވާލު ހުށަހެޅުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.
މަރުގެ ދައުވާގެ އިތުރުން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ޝަނޫންގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ، 2015 ވަނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދި މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެ ރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާއަށް ހަމަލާދީފައިވާތީ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
އެ ދެ ދައުވާގެ ޝަރީއަތް ވެސް މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް އެ ދެ މައްސަލައަށް ދައުލަތުން ވަކީލުން ހަމަޖައްސައިދީފައި ނުވާތީ، ޝަނޫން ވަނީ އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފަ އެވެ. ގާޒީ ވަނީ އެ ދެ މައްސަލައަށް ވަކީލުން އައްޔަން ކުރުމަށް 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.
ދައުލަތުން ވަކީލުން އައްޔަންކޮށްދިމާ ގުޅޭ ގޮތުން ގާނޫނު އަސާސީގައި ބުނެފައި ވަނީ، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާއަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުންނަށް ދައުލަތުން ގާނޫނީ ވަކީލުން އައްޔަން ކޮށްދޭން ވާނެ ކަމަށެވެ.
ޒައިދަމްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވަނީ، މި މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ.