10 Apr 2017, 17:15
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ އެކު އެމްޑީޕީން މަސައްކަތް ފެށުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މޫސަ "ސަން"އަށް މިއަދު ވިދާޅުވީ އަލީ ވަހީދު ފަހަކަށް އައިސް ކުރައްވާ ޓުވީޓްތަކުން އެކަން ޔަގީންވާ ކަމަށެވެ.
އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެން ހަނާވާއިރު، 50 ޕަސެންޓް އިއްތިހާދަށް އަދި އަނެއް 50 ޕަސެންޓް ސަރުކާރަށްދީގެން ގައުމަށް ޓަކައި، ރައްޔިތުންނަށް ޓަކައި ނެރެވޭ ނަތީޖާ 100 ޕަސެންޓް ދިނުމާ ތަފާތުވާނެ ކަމަށެވެ.
ނުސީދާކޮށް އަލީ ވަހީދު އެ ވިދާޅުވި ވާހަކަފުޅު އަމާޒު ކުރައްވަނީ ކޮން ބަޔަކަށް ކަމެއް ނޭނގެ އެވެ.
އޭނާ ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވީ އެކޮޅުގައި ވެސް އޮތީ 50 ޕަސެންޓް ކަމަށާއި މިކޮޅުގައި ވެސް އޮތީ 50 ޕަސެންޓް ކަމަށެވެ. ފެންނަން އޮތީ އެ ހަގީގަތް ކަމަށާއި ގޯސްވާނީ އެއްޗެކޭ ބުނާ މީހާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު އެއްބެސްވުމެއް އެކުލަވާލެއްވީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވީ ޕާޓީ އާއި ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބަލައި ޖަމާއަތުގެ ފައިދާއަށް ޓަކައި އެ މަގާމު ރާއްޖޭގައި ގާއިމްވެ ހުރި ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.
Ekolhu othas 50%. Mikolhu ayas 50%. Dhen rangalhu thaa dhehtho. Echekey bunaa meehaa goas vaanee. Fennan othee mi hageegaiy. Gunbo nuhahdhaa
— Ali Waheed (@ali20waheed)April 10, 2017
އެ ޓްވީޓަށް ރިޕްލައި ކްރައްވައި މޫސަ ވަނީ ގިނަ ދުވަސްތަކެއްވަންދެން އެކީގައި އުޅުއްވާފައި ވާތީ ސީދާ ރައީސް މައުމޫންގެ ވާހަކަ ވިދާޅުވާން ނުކެރިގެން އުޅެނީތޯ ސުވާލު ކުރައްވައިފައެވެ.