10 Apr 2017, 19:17
ޗެންނާނީ (އޭޕްރިލް 10): އިންޑިއާގެ ޗެންނާއީގެ މަގެއްގައި އިއްޔެ ވަޅުގަނޑެއް ހެދި އެ ވަޅުގަނޑު ތެރެއަށް ކާރަކާއި ބަހެއް ވެއްޓިއްޖެ އެވެ.
ޗެންނާއީ މެޓްރޯ ރެއިލް ލިމިޓެޑުން ބުނި ގޮތުގައި އެހާދިސާ ހިނގީ ވަޅުގަނޑު ހެދުނު ސަރަހައްދާ ކައިރީގައި ބިން ތޮރުފަމުން ދިޔުމުގެ ސަބަބުންނެވެ. މީގެ ދުވަސްތަކެއް ކުރިން އެސަރަހައްދާ ކައިރީގައި ވަޅުގަނޑެއް ހެދުނު ކަމަށް އެކުންފުނިން ބުންޏެވެ.
އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ވަޅުގަނޑު ހެދުނީ ބަސް ދުއްވާފައި ދަނިކޮށެވެ. އަދި ވަޅުގަނޑު ހެދެން ފެށުމާއެކު ބަސް ދުއްވަން ހުރި މީހާ ވަނީ ހުރިހާ ފަސިންޖަރުން ބަހުން ފޭބުމަށް އަންގާފަ އެވެ. އަދި ބަސް ކައިރިން ދުއްވާފައި ދިޔަ ކާރެއްވެސް ވަނީ އޭގެ ފަހުން ވަޅުގަނޑު ތެރެއަށް ވެއްޓިފަ އެވެ.
އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެ އެވެ. އަދި ކްރޭނެއް ބޭނުން ކޮށްގެން ވަޅުގަނޑު ތެރެއަށް ވެއްޓުނު ކާރާއި ބަސް ނަގައި، އެމަގު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. (ޓައިމްސް އޮފް އިންޑިއާ)