10 Apr 2017, 17:04
ބ. އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓު ހުންނަ ދަރަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާވިސް އޭޓީއެމެއް ބަހައްޓައިފިއެވެ.
އެ ޚިދުމަތް ދަރަވަންދޫގައި ތައާރަފުކުރީ އިއްޔެއެވެ. ޚިދުމަތް ތައާރަފުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.
ޝަރީފް ވިދާޅުވީ، ސެލްފް ސާވިސް އޭޓީއެމްތަކާ އެކު ދަރަވަންދޫގެ ރައްޔިތުންނާއި އިގްތިދާސަށް ފައިދާތަކެއް ފޯރުކޮށްދިނުމަކީ ބީއެމްއެލަށް ލިބޭ އުފަލެއް ކަމަށެވެ.
ދަރަވަންދޫގައި އޭޓީއެމެއް ގާއިމުކުރުމަކީ، ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ބޭންކިން ޚިދުމަތްތައް ފުޅާކޮށް، އަދި ބީއެމްއެލްގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ފަށާފައިވާ 400 މިލިޔަން ރުފިޔާގެ އިންވެސްޓްމެންޓް ޕްރޮގްރާމުގެ ދަށުންނެވެ.
ދަރަވަންދޫގައި ހުޅުވި އޭޓީއެމުން ފައިސާ ނެގުމާއި، ޖަމާ ކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ޚިދުމަތައް 24 ގަޑިއިރު ލިބޭނެއެވެ.