06 Jul 2011, 12:45
ގދ. ތިނަދޫގައި ފުލުސް ވޭނަކާ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވެ، ސްރީލަންކާގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މީހާގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.
ކޯމާއެއްގައި އޮތްވާ އިއްޔެ ހެނދުނު މަރުވި އެރަށު ބްރޯން، މޫސާ މަނިކު،32، ގެ ބޭބެ މުހައްމަދު މަނިކު ލަންކާގައި ހުރެ ސަން އަށް މިއަދު މަޢުލޫމާތު ދެމުން ބުނީ މިރޭ ދަންވަރުގެ ފުލައިޓަކުން މޫސާ މަނިކުގެ ހަށިގަނޑު ރާއްޖެ ގެންދާނެ ކަމަށެވެ. ނަމަވެސް މިރޭ އިރުއޮއްސޭއިރު އޮތް ފުލައިޓަކުން ވެސް ޖާގަ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
މުހައްމަދު މަނިކު ބުނީ ފުލުހުންގެ ފަރާތުން އާއިލާއަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި މިވަގުތު ލަންކާގައި ވެސް ފުލުހަކު އާއިލާ މީހުންނާއެކު ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި ހުރިހާ ޚަރަދެއް ކުރަނީ ވެސް ފުލުހުން ކަމަށް މުހައްމަދު މަނިކު ބުންޏެވެ.
މޫސާ މަނިކުގެ ހަށިގަނޑު މިވަގުތު އޮތީ ލަންކާގެ ފިނިކޮށާރެއްގައި ބާއްވާފަ އެވެ.
އެކްސިޑެންޓްގެ ސަބަބުން މޫސާ މަނިކަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާތީ އޭނާގެ އާއިލާގެ ކިބައިން މުޅި ފުލުހުންގެ މުއައްސަސާގެ ފަރާތުން މަޢާފަށް އެދި ފުލުހުން އިއްޔެ ވަނީ ނޫސް ބަޔާނެއް ވެސް ނެރެފަ އެވެ.
އެ ބަޔާނުގައި ފުލުހުން ވަނީ މި ހާދިސާ އިންސާފުވެރި ކަމާއެކު ބަލައި ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން މޫސާ މަނިކުގެ އާއިލާއަށް ދީފަ އެވެ.
ފުލުހުން ނޫސް ބަޔާނެއް ނެރުނީ މި އެކްސިޑެންޓްގެ ޒިންމާ ފުލުހުން އުފުލަން ޖެހޭނެ ކަމަށް އާއިލާއިން ބުނެފައި ވަނިކޮށެވެ.
ނަމަވެސް އެކްސިޑެންޓްގެ ޒިންމާ ނެގުމާ ގުޅޭގޮތުން މިހާތަނަށް ރަސްމީކޮށް ފުލުހުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން ވަކި އެއްޗެއް ފުލުހުންގެ ފަރާތުން އަދި ބުނަން ބޭނުންނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ތިނަދޫގައި ދުއްވި ފުލުހުންގެ ވެހިކަލަކާ މޫސާ މަނިކު ދުއްވި ސައިކަލް ޖެހި އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު މޫސާ މަނިކަށް ފަރުވާ ދޭން ލަންކާއަށް ގެންދިޔައީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު އެވެ. އޭނާ މަރުވީ ސިކުނޑީގައި ހުރި ސެލްތައް މަރުވެ، ސިކުނޑި މަސައްކަތް ނުކޮށްގެން ކަމަށް ވެއެވެ. އެކްސިޑެންޓްގައި ޒަހަމްވި މޫސާ މަނިކުގެ ކަނދުރާ ބިނދުމުގެ އިތުރަށް ބޮލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މީގެ ދެ އަހަރުން ކުރިން ވެސް އެކްސިޑެންޓެއްވެ ވެފައިވާ އެ ރަށުގެ މަޝްހޫރު ކެޔޮޅު، މަރުވި އިރު ތިން ދަރިން އެބަތިއްބެވެ. އަންބަކު ނެތެވެ.