ފުޓްބޯޅަ ކުޅުންތެރީންނަށް ފުޓްސަލް ނުކުޅެވޭ ގޮތަށް އެފްއޭއެމްގެ ގަވައިދަށް ގެންނަން އުޅޭ އިސްލާހަށް ފުރިހަމައަށް ތާއިދު ކުރާކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުހައްމަދުމު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ފުޓްސަލްއާ ފުޓްބޯޅަ ވަކިކޮށް މި ދެ ކުޅިވަރުގައި އުޅޭ ކުޅުންތެރީންނަށް ކޮންމެވެސް އެއް ކުޅިވަރެއް ކުޅެވޭ ގޮތަށް ހަދަން އެފްއޭއެމުން މަސައްކަތް ކުރަމުންދާ މައްސަލައާ މެދު ވާހަކަދައްކަމުން ނިޒާމްބެ މިއަދު ސަން ސްޕޯޓްސްއަށް ބުނީ އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމަށް ފުރިހަމައަށް ތާއިދު ކުރާކަމަށެވެ.

އޭނާ ބުނީ ކްލަބަކަށް ސޮއިކޮށްގެން ރަސްމީ ފުޓްބޯޅަ ކުޅެމުންދާ ކުޅުންތެރިން ފުޓްސަލް ކުޅެން ދިއުމަކީ އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް އެ ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރަށް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި ބުނީ ކުޅުންތެރިން ދެ ކުޅިވަރުގައި އުޅުމުގެ ސަބަބުން ކުޅުންތެރީންގެ ފިޓްނަސް އަށް ބަދަލު އައިސް ސީޒަންގެ ތެރެއިން ބޮޑު އިންޖަރީއަކާ ކުރިމަތިވެ އެ ކުޅުންތެރިއާ ކުޅޭ ކުލަބަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.

"ކުޅުންތެރިން ޕްރޮފެޝަނަލް ފުޓްބޯޅައަށް އައިމަ އެބަޖެހޭ ވަކި އަހުލާގެއްގަ ހިފަހައްޓަން. ކުޅުންތެރިޔާ އެބަ ވިސްނަންޖެހޭ އަމިއްލަ ކްލަބަށް ވެސް އަދި އަމިއްލަ ސިއްހަތަށް ވެސް. މުހިއްމު މެޗެއްގެ ކުރިން ފުޓްސަލް ކުޅެގެން އަނިޔާވީމަ ގެއްލުން ވަނީ ކުލަބަށް. އެހެން ވެގެން ނުވާނެ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ފުޓްސަލަކީ ކުޅުންތެރިން އުފެދޭ ކުޅިވަރެެއް ކަމަށާއި ފުޓްސަލްގެ ތެރެއިން ފުޓްބޯޅައަށް ހުނަރުވެރި ކުޅުންތެރިންތަކެއް ނުކުމެފައި އެބަތިބި ކަމަށެވެ. އަދި ކުޅުންތެރިންގެ ހުނަރު ތަރައްގީކޮށް ފުޓްބޯޅައިގެ ތެރެއަށް ކުޅުންތެރިން ނުކުތުމުގައި ފުޓްސަލް އިސް ދައުރެއް އަދާ ކުރާކަމަށެވެ. ނަމަވެސް ފުޓްސަލްގެ ތެރެއިން ފުޓްބޯޅައަށް ނުކުތުމަށްފަހު މަސައްކަތް ކުރަންޖެހެނީ ފުޓްބޯޅައިގެ ތެރެއިން ކުރިއަށް ދިޔުމަށް ކަމަށެވެ.

ނިޒާމްބެ ބުނީ މި ގޮތަށް ނިންމުމާ ގުޅިގެން އެންމެ ބޮޑު ސުވާލަކީ ކުޅުންތެރިންނަށް އާމްދަނީ ލިބޭނެ ގޮތަކާ މެދު އުފެދޭ ސުވާލު ކަމަށާއި ނަމަވެސް އެފްއޭއެމް މެދުވެރިވެގެން ކުލަބް ތަކަށް ކުންފުނިތައް މެދުވެރިކޮށް އާމްދަނީ ލިބޭ ކަމަށް ވާނަމަ ކުޅުންތެރިންނަށް ގަވައިދުން މުސާރަ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އެ ނިޒާމް ހަމަޖެހުމާއެކު މުސާރަ ނުލިބިގެން ވާން ޖެހޭ މާޔޫސް ކަމާއި ދިމާވާ އުނދަގޫތަށް ކުޅުންތެރީންނަށް ދިމާ ނުވާނެ ކަމަށްވެސް ކާމިޔާބު ދިވެހި ކޯޗު ބުންޏެވެ. އަދި ކުޅުންތެރިން ވެސް ގަބޫލުކުރާ ގޮތުގައި ބުރަ ވަޒީފާއެއްގައި އުޅެމުން ޕްރޮފެޝަނަލް ލެވެލްއެއްގެ ފުޓްބޯޅަ ކުޅުމަކީ އުނދަގޫ ކަމެއް ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ފުޓްބޯޅައާ ފުޓްސަލް ވަކިކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ފުޓްބޯޅަަ ކުޅޭ ކުޅުންތެރީންނަށް ފުޓްސަލް ނުކުޅެވޭނެ ފަދަަ ގަވައިދެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދަވާކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

ބައްސާމް ވިދާޅުވީ، ދިވެހި ކުޅުންތެރިންނަކީ ކޮންމެވެސް ވަޒީފާއެއްގައި އުޅެމުން އާމްދަނީ ހޯދަމުން އަންނަ ކުޅުންތެރީން ކަމަށާއި ވަޒީފާ ދޭއިރު ބައެއް ކުންފުނިތަކަށް ފުޓްބޯޅަ ކުޅެ ދިނުމަށް ޝަރުތުކޮށްފައި ވަޒީފާ ދީފައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ މިހާލަތަކީ ވަރަށް އުނދަގޫ ހާލަތެއް ކަަމަށާއި ނަމަވެސް މި ކަމަކީ ބަދަލު ތަކެއް ގެންނަން ޖެހޭ ކަމެއް ކަމަށެވެ.