ސްރީނަގަރު (އޭޕްރިލް 10): ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައި ބޭއްވި ބައި އިލެކްޝަނަކާ ގުޅިގެން މުޒާހަރާ ކުރި ބަޔަކާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ހުސްވެފައިވާ ސްރީނަގަރުގެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނާ ގުޅިގެން އިންޑިއާގެ ވެރިކަމާ ދެކޮޅަށް އެސިޓީގައި ބޭއްވި މުޒާހަރާތަކުގައި ގަލާއި ޕެޓްރޯލް ބޮން އުކާފައިވެ އެވެ. އަދި އިންތިހާބު ބާއްވަން ހަމައްޖައްސާފައިވާ ދެ ސްކޫލެއްގައި ރޯކޮށްފައިވާ ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ.

އެމުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖެހުމަށް ފަހު ބަޑި ޖަހާފަ އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލާފައި ވަނީ ވޯޓު ލުމަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން ހަތް ޕަސެންޓް މީހުންނެވެ. އެއީ ފާއިތުވި 30 އަހަރު ތެރޭގައި ކަޝްމީރުގައި ބޭއްވި އިންތިހާބެއްގައި ބައިވެރިވި އެންމެ މަދު މީހުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ސްރީނަގަރުގެ އިންތިހާބާ ދިމާކޮށް އިންޑިއާ ސަރުކާރުން ވަނީ އެސިޓީއަށް އިތުރު 20،000 ސިފައިން ފޮނުވާފަ އެވެ. އަދި އަމާން ކަމާ އެކު އިންތިހާބު ކުރިއަށް ދާނެ ކަން ޔަގީން ކުރުމަށް ޓަކައި ކަޝްމީރުގެ އިންޓަނެޓް ހިދުމަތް ވެސް ވަނީ ކަނޑާލާފަ އެވެ. (ބީބީސީ)