ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރީންނަށް ދޭންޖެހޭ މުސާރައިގެ އެއްވެސް މައްސަލައެއްް ނޫޅޭ ކަމަށާއި ކުޅުންތެރީންނާ އެއްބަސްވެފައިވާާ ގޮތަށް މުސާރަ ދެމުން އަބަދުވެސް ގެންދާ ކަމަށް ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ ޖެނެރަލް ސެކެރަޓަރީ ހުސެއިން ޖަވާޒް ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމުގެ ބައެއް ކުޅުންތެރީންނަށް މުސާރަ ނުދޭކަމަށް ބުނެ، ޓީމުގެ ބައެއް ކުޅުންތެރީންނާ ހަވާލާދީ ދައްކަމުންދާ ވާހަކަތައް ދޮގުކުރައްވަމުން ޖަވާ ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫންކަމަށާއި މީގެ ކުރިން ކުޅުންތެރިންނާ އެއްބަސްވެފައިވާ ގޮތަށް މުސާރަ ދެމުންދާ ކަމަށެވެ.

"މުސާރައިގެ އެއްވެސް މައްސަލައެއް ނޫޅޭ. ކުޅުންތެރިންނާ އެކު އެއްބަސްވެފައިވާ ގޮތަށް މުސާރަ އަބަދުވެސް ދެން. ގައުމީ ޓީމުގެ ކުޅުންތެރީންނަކީ އެފްއޭއަށް ވަރަށް މުހިއްމު ބައެއް، އެހެންވީމަ އެ ކުޅުންތެރީންގެ ކަންކަން ހަމަޖެއްސުމަށް އަބަދުވެސް އިސްކަން ދެން،" ޖަވާ ވިދާޅުވިއެވެ.

ޖަވާ ވިދާޅުވީ، ޓީމުގެ ކުޅުންތެރީންނަށް މުސާރަ ދިނުމުގައި މިވީހާތަނަށްވެސް ލަސްވެފައި އޮތީއްޔާ އޮންނާނީ ކޯޗެއް ހަމަޖެއްސުމަށް ވަގުތު ނެތުމާއި ކޯޗެއް ނެތި ހޭދަވާ ވަގުތު ތަކުގައި އެކަނި ކަމަށެވެ.

ގައުމީ ޓީމުގެ ކުޅުންތެރީންނަށް މުސާރަ ދިނުމަށް، މުސާރަ ޕްރޮސެސް ކުރުމަށް ފޮނުވާފައިވާ ކަމަށާއި މިއަދު ޔޫތު މިނިސްޓްރީއަށް ގުޅާލުމުން، މުސާރަ ބަޖެޓަށް ފޮނުވާފައިވާކަމަށް ޖަވާބު ލިބިފައިވާ ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

ބައެއް ކުޅުންތެރީންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައިވަނީ ކުޅުންތެރީންނަށް މުސާރަ ނުދޭތާ ތިން މަސްދުވަސް ވެފައިވާތީ ކުޅުންތެރީން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށާއި އަދި ފަަލަސްތީން މެޗުގެ ކުރިން މުސާރަ ދޭން އެސްބަސްވެފައިވީ ނަމަވެސް އަދިވެސް އަދިވެސް އެކަން ހަމަޖެހިފައި ނުވާ ކަމަށެވެ.

ފުޓްބޯޅަ އިދަރާގެ ޖެނެރަލް ސެކެޓަރީ ޖަވާ ވިދާޅުވީ އެފަދަ އެއްވެސް ޝަކުވާއެއް ކުޅުންތެރީންގެ ފަރާތުން، ލިބިފައިނުވާކަމަށާއި ކުޅުންތެރީންނަށް ބޭނުންވާ ހުރިހާ ކަމެއް ފޯރުކޮށްދެމުން އަދި ކަންކަން އޮތް ގޮތް އަބަދުވެސް ސާފު ކޮށްދެމުންދާކަމަށެވެ.