ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު (ބަލަކް) މިއަދު އެފްއޭއެމުން ހަމަޖައްސައިފި އެވެ.

ފުޓްބޯޅަ ކޮމެންޓެރީ ފޮނުވުމުގައި ވެސް ކުރިން އުޅުއްވެވި އަދި ނިއުރޭޑިއެންޓްގެ މެނޭޖަރުކަން ވެސް ކުރެއްވެވި ބަލަކް ގައުމީ ޓީމުގެ މެނޭޖަރަކަށް ހަމަޖައްސީ ކުރިން އެ މަގާމު ފުރި ހުސެން އަލީ އިސްތިއުފާ ދިނުމުންނެވެ. ހުސެން މަގާމު ދޫކޮށްލީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ އެމްއެންޑީއެފް އިން އެއް އަހަރު ދުވަހުގެ ކޯހެއްގައި ރާއްޖެ އިން ބޭރަށް ފުރަން ޖެހުމުންނެވެ.

މިއަދު މެންދުރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވީ، މިއަދުން ފެށިގެން ދިވެހި ޤައުމީ ސީނިއާ ޓީމްގެ މެނޭޖަރުގެ މަޤާމުގައި ހުންނަވާނީ އަލީ ވަހީދު ކަމަށާއި އަލީ ވަހީދު މެނޭޖަރުކަމާ ހަވާލުވެ ވަޑައިގަތީ ޤައުމަށް އިތުރު ހިދުމަތެއް ކޮށްދިނުމުގެ އަޒުމުގައި އެފްއޭއެމްގެ ވަރަށް ބޮޑު އެދުމުގެ މަތިން ކަމަށެވެ.

"އަޅުގަނޑަށް ޤަބޫލް ކުރެވުނީ މެނޭޖަރުގެ މަޤާމަށް އަލީ ވަހީދު އައުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް. ޤައުމަށް އިތުރަށް ހިދުމަތް ކޮށްދިނުމުގެ ނިޔަތުގައި އެފްއޭއެމްގެ އެދުމުގެ މަތިން އަލީ ވަހީދު އެނިންމި ނިންމުމަށް މަރުހަބާކިޔަން. އަލީ ވަހީދު މެނޭޖަރުގެ މަޤާމަށް އައްޔަނު ކުރީ އެފްއޭއެމްގެ ހިންގާގަވާއިދުގެ މަތިން." އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ، ވަކި ޕާޓީއަކަށް ނިސްބަތްވެ ހުރެ މަޖިލީހުގެ މެންބަރު ކަމުގައި ހުރިކަމުގައި ވިޔަސް އެފްއޭއެމް އަކީ ޑީއާރުޕީގެ ތަނެއް ނޫން ކަމަށާއި އެގޮތުން އެފްއޭއެމްގައި ސިޔާސީ ކުލައެއް ވެސް ނުޖައްސާނެ ކަމަށެވެ. އަދި މިމަޤާމަށް އަލީ ވަހީދު ލުމުން ޑީއާރުޕީގެ ފާޑު ކިޔުންތައް އެފްއޭއެމްއަށް އަމާޒު ވިޔަސް،، ސިޔާސީ އެއްވެސް ކަމައެއް ފުޓްބޯޅައަކު ނުގެން ގުޅޭނެ ކަމަށެވެ.

"ހަގީގަތުގަ ދަންނަވާކަމަށް ވާނަމަ ސަރުކާރަކުން ވެސް އެހީތެރިކަމެއް ކުރިންނެއް ލިބެމުންނެއް ނުދޭ. އެހެންނަމަވެސް މިމަޤާމަށް އަލީ ވަހީދު އައުމުން އެކަންތައްތައް ރަނގަޅު ވާނެ ކަމަށް ޤަބޫލް ކުރެވޭ. މިހާރު ވެސް ސަރުކާރުން ދަނީ ވަރަށް ބޮޑު އެއްބާރު ލުމެއް ލިބެމުން،" އާޒިމް ވިދާޅުވި އެވެ.

ޤައުމީ ޓީމްގެ މެނޭޖަރުކަމާ އަލީ ވަހިދު ހަވާލުވެ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ޤައުމީ ޓީމްގެ މެނޭޖަރުގެ މައްސޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭނެ ކަމަށާއި އެގޮތުން މިކަމަށް ވަގުތު ވެސް ދެވިދާނެ ކަމަށެވެ. އަދި ޤައުމީ ޓީމްގެ މެނޭޖަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ ހުރިހާ ކަމެއް އޭނގެ އެންމެ ފުރިހަމަ އަށް އަދާ ކުރުމުގެ ހިތްވަރު އެބަރުހި ކަމަށެވެ.

"ޤައުމީ ޓީމްގެ މެނޭޖަރެއްގެ މަޤާމް އަޅުގަނޑަށް ލިބުމަކީ ވަރަށް ބޮޑު ސަރަފެއް. އަޅުގަނޑު ދެކޭ ގޮތުގައި މީ ވަރަށް ބޮޑު ޒިންމާއެއް. މިކަމަށް ވަގުތު ދެވޭނެތީ މިހަވާލުވީ. ފުޓްބޯޅައަކީ ދެކޮޅަށް މޫނުލައިފައި ނަމަވެސް ޤައުމުއެއްވާން ލިބޭނެ ހަމައެކަނި ކުޅިވަރު. "އަލީ ވަހީދު ވިދާޅުވި އެވެ.

ޤައުމީ ޓީމްގެ މެނޭޖަރުގެ މަޤާމާ ހަވާލުވީ ރައީސް މުހައްމަދު ނަޝީދާ ވެސް މަސްވަރާ ކުރައްވާފައި ކަމަށް ވީއިރު، އެމްޑީޕީ ޕާލަމަންޓު ގްރޫޕަށް އެނގިގެން ކަމަށް މިއަދުގެ ނިއުސް ކޮންފަރެސްގައި އަލީ ވަހީދު ވިދާޅުވި އެވެ.
"ސަރުކާރުގެ ވިސްނުން މިހާރު ހުރީ ކުރިއަށް ވުރެ ވެސް ބޮޑަށް ފުޓްބޯޅަ ކުރިއެރުވުމަށް. އެކަން ކުރިއަށް މިއޮތް ތާގައި ފެންނާނެ. ސަރުކާރުގެ ތެރެއިން ފުޓްބޯޅައަށް ކުރަން ޖެހޭ ހުރިހާކަމެއް އަޅުގަނޑު ކުރާނަން. މިޒިންމާއާ އަޅުގަނޑު މިހަވާލުވީ ޤައުމީ ޒިންމާއެއްކަން ވެސް އެނގި ހުރެ." އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ، މިއަދަކީ އެނާގެ ހަޔާތުގައި ވެސް ލިބުނު އުފާވެރި ދުވަހަކަށް ވީއިރު "ފަހަތުން ދުވެ ރައްޓެހިވާން އުޅު އަންހެން ކުއްޖެއް ލިބުނު" ކަހަލަ ދުވަހެއް ކަމަށެވެ. އަދި ސާފް ޗެމްޕިއަން ޝިޕް ރާއްޖެ އަށް ލިބުނު ދުވަހު ވެސް ރާއްޖެ އަށް ގޯލް ކާމިޔާބު ކޮށްދިނީ ތޮއްޑޫ ދާއިރާގެ ކުޅުންތެރިއަކަށްވާތީ އެކަމާ އުފާވާ ކަމަށް ވެސް އަލީ ވަހީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.