10 Apr 2017, 14:12
ވޮޝިންޓަން (އޭޕްރިލް 10): އެމެރިކާ އިން ބަން ދުނިޔޭގެ އެންމެ އަގުބޮޑު މަނަވަރު އެގައުމުގެ ކަނޑުގެ ސިފައިން ޓެސްޓު ކުރަން ފަށައިފި އެވެ.
އެއާކްރާފްޓް އުފުލާ، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް ބިނާ ކުރުމަށް 12.9 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު އެއީ އެމަނަވަރު ބިނާ ކުރުމަށް ހޭދަ ވާނެ ކަމަށް ލަފާ ކުރި އަދަދަށް ވުރެ 22 ޕަސެންޓު އިތުރު އަދަދެކެވެ.
އަދި އެމަނަވަރު ބިނާ ކުރުމުގެ މަސައްކަތް 2015 އަށް ނިމޭނެ ކަމަށް ލަފާ ކުރި ނަމަވެސް މިދިޔަ އަހަރު އާއްމުވި އަސްކަރީ މެމޯއެއްގައިވާ ގޮތުން އެމަނަވަރުގެ ހަތަރު ފްލައިޓް އޮޕަރޭޓިން ސިސްޓަމުގައި މައްސަލަތައް ހުއްޓެވެ. އެހެންކަމުން މަނަވަރު އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުން ކުރުމުގެ ކުރިން އޭގެ ޑިޒައިނަށް އަނެއްކާ ވެސް ބަދަލުތައް ގެންނަން ޖެހެ އެވެ.

ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑްގެ ދިގުމިނުގައި 1،106 ފޫޓު ހުރޭ -- ފޮޓޯ: އޭޕީ
ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑް ބިނާ ކުރުމުގައި ގާތްގަނޑަކަށް 5،000 މީހުން ހަރަކާތްތެރިވެފައިވާ އިރު، އެމަނަވަރަށް ގަޑިއަކު 34 މޭލު ބާރުމިނުގައި ދަތުރު ކުރެވެ އެވެ.
އަދި ދިގުމިނުގައި 1،106 ފޫޓު ހުންނަ އެބޯޓަށް ކޮންމެ ދުވަހަކު 220 އެއާކްރާފްޓް ލޯންޗު ކުރުމުގެ ގާބިލުކަން ލިބިފައިވެ އެވެ. އެމަނަވަރުގައި އެއާކްރާފްޓް ލޯންޗު ކުރަން ބޭނުން ކުރަނީ އަލަށް ޑިޒައިންކޮށްފައިވާ އިލެކްޓްރޯ މެގްނެޓިކް އެއާކްރާފްޓް ލޯންޗް ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ކުރީގެ ސިސްޓަމްތަކާ އަޅާ ބަލާއިރު، އެމަނަވަރުން 25 ޕަސެންޓު އިތުރަށް އެއާކްރާފްޓް ލޯންޗު ކުރެވޭނެ ކަމަށް އެމެރިކާ އަސްކަރިއްޔާ އިން ބުނެ އެވެ.