10 Apr 2017, 14:59
މާޒީގައި އަނިޔާވެރިވެފައިވާ މީހުންނާއި އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު ޑިމޮކްރަސީ ނުގެނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ 42 މެމްބަރުންގެ ސޮއާ އެކު ހުށަހަޅަން ޖެހޭ ގޮތަށް އާންމު ކޮމެޓީން ފާސްކޮށް، މިއަދު ތަޅުމަށް ހުށަހެޅި މައްސަލައިގެ ބަހުސުގައި ވާޙަކަ ދައްކަވަމުން މޫސާ ވިދާޅުވީ މާޒީގައި އަނިޔާވެރިވެފައިވާ މީހުންނަށް ޑިމޮކްރަސީއެއް ނުގެނެވޭނެ ކަމަށެވެ.
"ޑިމޮކްރަސީއެއް ނުގެނެވޭނެ މި ރާއްޖޭގައި ވެރިކަމުގައި އަނިޔާވެރިކަމުގައި ތިބި މީހުންނަކަށް. ޑިމޮކްރަސީއެއް ނުގަނެވޭނެ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަބްދުﷲ ރިޔާޒާއެކީގައެއް. ޑިމޮކްރަސީއެއް ނުގެނެވޭނެ ރައީސް މައުމޫނާއެކު އެއް. މިއާ ދެކޮޅަށް އަޅުގަނޑުމެން ތެދުވީ،" މޫސާ މަނިކު ވިދާޅުވި އެވެ.
މުސާ ވިދާޅުވީ ރާއްޖޭގައި 30 އަހަރުވަންދެން އަށަގެންފައި އޮތް ހުދުމުހުރާތު "އަނިޔާވެރި ވެރިކަން" ބަދަލު ކުރުމަށް ނުކުތީ އެބޭފުޅުން ކަމަށާއި "ބަޣާވަތް ގެނައި މީހުންގެ ކިހިލިފަތް ދަށަށް ޖަހައިގެންދާތީ" ލަދުފުޅުގަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނެއް "ބޮޑުކަންނެލި ދަމާހެން މަގުމަތީގައި ދެމިއިރު" އަބްދުﷲ ރިޔާޒު ފުލުސް އޮފީހުގައި އިންނެވީ ދެކޮނޑަށް މެޑިލިއަރުވައިގެން އެކަން ބަލަހައްޓަވަން ކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެއްވި ކަމަށެވެ. އަދި މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުކޮށްގެން ވާހަކަ ދައްކަވަން ލަދުފުޅު ގަންނަން ޖެހޭ ކަމަށް މޫސާ ވިދާޅުވި އެވެ.
"ކޮބައިތޯ އަޅުގަނޑުމެންގެ ހައްގު، ކޮބައިތޯ އަޅުގަނޑުމެންނަށް ދިން އަނިޔާ.... ތިމަންނަމެންގެ މާޒީ ހަނދާން ނައްތާލާފައި މިތަނަށް ވަދެގެން ނުކުރެވޭނެ އެއްވެސް ކަމެއް." މޫސާ ވިދާޅުވި އެވެ.
މޫސާ ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ، ދެދުވަހުން އެއް ދުވަހު މަޖިލީހަށް މައްސަލަ ވައްދަނީ ރައީސް ޔާމީން ތަރައްގީގެ މަޝްރޫއުތައް ގެންދަވާލެއް ބާރުކަމުން އެކަން ހުއްޓުވަން ކަމަށެވެ.
އަބްދުﷲ ރިޔާޒަށް ތުހުމަތުކޮށް މޫސާ ދެއްކެވި ވާހަކައާ ގުޅިގެން ރިޔާޒު ވިދާޅުވީ އެމަނިކުފާނު ޕޮލިސް ކޮމިޝަނަރަަކަށް ހުންނެވިއިރު ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މަޖިލިސް މެމްބަރުން މަޖިލިސް ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ކުރެއްވި ކަމަށެވެ.
މޫސަގެ ފާޑުވިފާޅުވުންތަކަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ މޫސަ ހުންނެވީ ސިޔާސީ ގޮތުން ފުރީޒުވެފައި ކަމަށެވެ.
"މޫސަ ހުންނެވީ ސިޔާސީ ގޮތުން ފްރީޒުވެފައި. އެމަނިކުފާނަށް ގައުމަށްވުރެ މި ވަގުތު މަގާމާއި [މަޖިލީހުގެ ނައިބު ރައީސްގެ މަގާމު] އެމަނިކުފާނުގެ ވިޔަފާރި މުހައްމު ވެގެން އުޅުއްވަނީ،" ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.