10 Apr 2017, 15:02
ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މެރިޓައިމް ސޭފްޓީ އެވެއާނަސް ޕްރޮގްރާމް ނިންމާލައިފި އެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިސްނަގައިގެން މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔައް ގެންދިޔަ އެ ޕްރޮގްރާމުގައި މޫދުގައި އުޅޭ އިރު ދިމާވެދާނެ ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެ ރިސޯޓުގެ މުވައްޒަފުންނަށް ވަނީ ދަސްކޮށްދީފަ އެވެ.

މެރިޓައިމް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްނިންމި މުވައްޒަފަކަށް ސެޓްފިކެޓް ހަވާލުކުރަނީ---ފޮޓޯ/އެމްއެންޑީއެފް
އެ ރިސޯޓުގެ 40 މުވައްޒަފަކު ބައިވެރިވެގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ތަޖުރިބާކާރު މުދައްރިބުން ވަނީ އިރުޝާދު ދެއްވައިފަ އެވެ.
އެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބަނޑޮހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ބައިވެރިވި ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފަ އެވެ.

ބަނޑޮސް މޯލްޑިވްސްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މެރިޓައިމް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ތެެެރެއިން--- ފޮޓޯ/އެމްއެންޑީއެފް
އެ ޕްރޮގްރާމަކީ ކަނޑުމަތީގައި ހާލުގައި ޖެހުމުން ޢަމަލު ކުރާނެ ގޮތާއި، ހާލުގައި ޖެހިފައިތިބޭ މީހުން ސަލާމަތްކުރާނެ ގޮތްތައް އަދި މޫދުގައި ދިމާވާ ތަފާތު ހާދިސާތަކުގައި ޒަހަމްވާ ފަރާތްތަކަށް އަވަސް ފަރުވާދިނުން ފަދަ ކަންކަން ދަސްކޮއްދިނުން ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.