10 Apr 2017, 12:19
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާ ގުޅިގެން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި މައްސަލައަކީ ޝަރުތު ހަމަވާ މައްސަލައެއް ނޫން ކަމަށް ނިންމައި އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ ފެށުމާ އެކު ރިޔާޒް ވަނީ ނިޒާމީ ނުކުތާއެއް ނަގައި، އެ މައްސަލަ ބަލައި ނުގަތީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ. އެ ސުވާލު ކުރުމުން ރިޔާސަތުން ވިދާޅުވީ، އެ މައްސަލަ ބަލައިނުގަތީ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ރިޔާޒު ހުށަހެޅި މައްސަލަގައި ހަމަނުވާތީ ކަމަށެވެ. ނަމަވެސް ޝަރުތު ހަމަނުވަނީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެ އެވެ.
"ކުއްލި މައްސަލައެއް ހުށަހެޅުމުގައި މަޖިލީހުގެ ގަވާއިދުގެ ކަމާބެހޭ މާއްދާތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ހުރޭ. އެހެންވީމާ އެ ޝަރުތު ފުރިހަމަ ނުވާކަމުގައި ވަންޏާ މަޖިލީހުގެ ރިޔާސަތަށް ވެސް ކިތަންމެ ބޭނުން ކަމަކަށް ވިޔަސް، މަޖިލީހުގެ ގަވާއިދު ހުއްދަނުކުރާ ކަމެއް ނުކުރެވޭނެތީވެ، އެ ސަބަބައްޓަކައި އެ ޝަރުތު ފުރިހަމަ ނުވާތީ އެ ކުއްލި މައްސަލަ އިއްޒަތްތެރި މެންބަރު ހުށަހެޅުއްވިޔަސް އެ މައްސަލަ އެޖެންޑާގައި ހިމެނެން ނެތީމާ އެ ވާހަކަ މަޖިލީހުގެ ސެކެޓެރިއަޓުން ވާނީ އިއްޒަތްތެރި މެންބަރަށް ދަންނަވާފައި،" ރިޔާސަތުން ވިދާޅުވި އެވެ.
ރިޔާޒު ހުށަހެޅި ކުއްލި މައްސަލާގައި ވަނީ، ޖުމްހޫރީ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު ގާޒިމް އިބްރާހިމް މިމަހު ހަ ވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގަވާއިދާ ހިލާފަށް ކަމަށެވެ.
އެގޮތުން ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރު ކޮށްގެން ނުވާނޭ ކަމަށް ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ ނަމަވެސް ގާސިމް ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 މާއްދާއާ ވެސް ކަނޑައެޅިގެން ހިލާފުކަމެއް ކަމަށް އެ ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.
ރިޔާޒު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ގާސިމް ހައްޔަރުކޮށްފައި ވާތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅިފައިވުމާއި ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފު އަމަލަކަށް ވާތީ އެކަން ސަރުކާރުގެ ސަމާލުމަކަށް ގެނެސް މަޖިލީހުގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ދަށުން އެ ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.
ރިޔާޒް ހުށަހެޅި މައްސަލަ ބަލައިނުގަންނަން ނިންމާފައިވާ އިރު، މިއަދުގެ ޖަލްސާ ހާއްސަކޮށްފައި ވަނީ، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 42 މެންބަރުންގެ ސޮޔާއެކު ކަމަށް، އިއްޔެ ބޭއްވީ އާންމު ކޮމެޓީގެ ބައްދަލުވުމުން ނިންމައި މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހު ފާސްކުރުމަށް ބަހުސްކޮށް ވޯޓަށް އެހުމަށެވެ.