ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑައިރެކްޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ )ސީއެމްޑީއޭ( އިން ނިންމައިފި އެވެ.

އެ އޮތޯރިޓީން މި ޕްރޮގްރާމް ހިންގަން ނިންމީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުން ތިން މަސްދުވަހުގެ ތެރޭގައި، ސީއެމްޑީއޭ ގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަސް އެންޑް ސެކްރެޓަރީޒް )އައިސީޑީއެސް( ގެ ޑައިރެކްޓާސް ޓްރެއިނިން ކޯސް ފުރިހަމަކޮށް ފާސްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ނިންމެވުމާ ގުޅިގެނެނެވެ.

ސީއެމްޑީއޭ އިން ބުނީ ޑައިރެކްޓަރުންނަށް ބާއްވާ ޕްރޮގްރާމްއަކީ "ޓްރެއިނިން އޮފް ދަ ޓްރެއިނަސް" ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފީ އަކީ 7000ރ. ކަމަށެވެ. އައިސީޑީއެސް ގެ މެމްބަރުންނަށް 1000ރ. ގެ ޑިސްކައުންޓެއް ދޭނެ ކަމަށް ވެސް ސީއެމްޑީއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތައް ވެސް ތިން މަސް ދުވަހު ތެރޭގައި، ކޯސް ފުރިހަމަކޮށް ފާސްވާން ޖެހޭނެ ކަމަށެވެ.

ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާ އަދި ކިޔަވާދިނުމުގެ ތަޖްރިބާއާއި ހުނަރާއި ގާބިލުކަން ބެލުމަށްފަހު، އެކަށީގެންވާ ފަރާތްތަކަކަށް ސީއެމްޑީއޭ އިން ސްޕޮންސާ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.