މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ 42 މެމްބަރުންގެ ސޮއާއެކު ހުށަހަޅަން ޖެހޭ ގޮތަށް އާންމު ކޮމެޓީން ފާސްކޮށްފައިވާ އިިސްލާހަށް ވޯޓަށް އެހުމުގެ ޖަލްސާ ފަށައިފި އެވެ.

އާންމު ކޮމެޓީން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ. ނަމަވެސް އާންމު ކޮމެޓީން އިއްޔެ ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ.

އާންމު ކޮމެޓީގެ ރިޕޯޓް މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެ ކޮމެޓީގެ މުގައްރިރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އެވެ.

ކޮމެޓީން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށާނީ، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ. އެ ރިޕޯޓަށް ބަހުސް ކުރުމަށް ފަހު އެ އިސްލާހު ފާސްކުރުމާމެދު މެންދުރު ފަހު 1:30ގައި ވޯޓަށް އަހާނެ އެވެ.

މޫސަ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ މާދަމާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ، މަސީހާއި މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުވާނެ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮއާއެކުގަ އެވެ. މޫސަގެ މައްސަލަ ހުށަހަޅާފައި ވަނީ 15 މެމްބަރުންގެ ސޮއާއެކުގަ އެވެ.

ސަރުކާރަށް ތާއިދުކުރައްވާ މެމްބަރން ވިދާޅުވަނީ އެ އިސްލާހު ގެންނަން ޖެހުނީ ސަރުކާރަށް ޖެއްސުން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.