10 Apr 2017, 11:13
އަށާވީސް މީހުންނާ އެކު އއ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗެއް ގިރިއަކަށް އަރައިފި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް މިއަދު 'ސަން' އަށް ވިދާޅުވީ، ހަވާލި ނަމަކަށްކިޔާ އެ ލޯންޗު އަރާފައި ވަނީ، ބަތަލާ އައިލެންޑް ރިސޯޓު ކައިރީ އޮންނަ ގިރި އަކަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފުން މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި މީހަކަށް އަނިޔާއެއްވެފައިވާކަން އަދި އެނގިފައެއް ނުވެ އެވެ.
އެ ލޯންޗަކީ ފެރީ ލޯންޗެއްގެ ގޮތުގައި ދަތުރު ކުރާ ލޯންޗެކެވެ. އެ ހާދިސާ ހިނގި އިރު، ލޯންޗުގައި 28 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި މާބަނޑު އަންހެނަކު ވެސް ހިމެނޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ މީހުންގެ ތެރޭގައި ހަ އަންހެނުންނާއި ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ. އަދި އެންމެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މެންދުރެއްހާއިރު ގެނެވޭވަރު ވާނެ ކަމަށެވެ.