ޑާކްރެއިން އެންޓަޓެއިންމެންޓުން މި މަހުގެ ފަސް ވަނަ ދުވަހު ރިލީޒު ކުރި ކޮމެޑީ ރޮމޭންޓިކް ފިލްމު "މީ ލޯތްބަކީ" އަށް ލިބެމުންދާ ބޮޑު ތަރުހީބަށް ވަރަށް ހިތްހަމަ ޖެހޭ ކަމަށް ފިލްމުގެ ޓީމުން ބުނެފިއެވެ.

ހައުސްފުލް ޝޯ އަކާ އެކު މިދިޔަ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި އަޅުވާފައިވާއިރު އޭގެ ފަހުން ކޮންމެެ ރެއެއްގައިވެސް ދިޔައީ ޝޯ އެއްކޮށް ފުލްވެގެން ނެވެ. ފިލްމުގެ ފަސް ޝޯ ހައުސްފުލް ކޮށް ދެއްކި އިރު ކުރިޔަށް ހުރި ޝޯ ތައްވެސް ދަނީ ފުލް ވަމުންނެވެ.

"ސަން" އާ ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، މިހާތަނަށް ދެއްކި ޝޯ ތަކާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

"މީ ލޯތްބަކީ" ގެ މަންޒަރެއްގައި އައްޒަ---

"ޑާކްރެއިންގެ އެހެން ފިލްމުތަކަށް ވެސް ހަމަ އާންމުކޮށް ތަރުހީބު ބޮޑު ވާނެ. އެކަމަކު މި ފިލްމަށް ތަރުހީބު އޮހެނީ ހަމަ. ވަރަށް ތަރުހީބު ބޮޑު. ގިނަ ޝޯ ތަކެއް ފުލް ކޮށް ދައްކައިފިން. އެހެން ޝޯ ތައް ވެސް އެދަނީ ފުލް ވަމުން،" މޮގާ ބުންޏެވެ،

މޮގާ ބުނީ، " މީ ލޯތްބަކީ" އަކީ މިހާތަނަށް ހެދުނު ވަރަށް ތަފާތު ފިލްމެއް ކަމަށާއި އެ ތަފާތުކަން ފިލްމު ބަލާފައި ނުކުންނަ މީހުންގެ ފަރާތުންވެސް ހާމަ ވެގެން ދާކަމަށެވެ. އޭނާ ބުނީ، ފިލްމީ ދާއިރާގައި ތިބި އިސް ބައެއް ފަންނާނުންނާއި، ފިލްމީ ތަރިިންގެ ފަރާތުންވެސް ފިލްމަށް ތައުރީފުގެ ބަސް ތައް ލިބެމުންދާކަމަށެވެ.

" ވަރަށް ގިނަ މީހުން ބުނޭ ފިލްމު ވަރަށް ތަފާތޭ. އަޅުގަނޑުމެން ވަރަށް ހިތް ހަމަޖެހިފަ މިތިބީ. އެހާ ބޮޑު އޯޑިއަންސެއް މި ފިލްމަށް އޮތީމަ،" އޭނާ ބުންޏެވެ.

"މީ ލޮތްބަކީ" ގެ މަންޒަރެއް---

މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލް ލީޑު ރޯލް ކުޅެފައިވާ، "މީ ލޯތްބަކީ" އާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަމުން މޮގާ ބުނީ، ބެލުންތެރިންގެ ތަރުހީބު ލިބޭ ވަރަކުން ފިލްމުގެ ޝޯ ތައް އިތުރު ކުރާނެ ކަމަށެވެ.

ޑާކްރެއިންގެ ނުވަނަ ފިލްމު " މީ ލޯތްބަކީ" އިން މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި ތަރިންނާ ތަޖުރިބާކާރު ތަރިންގެ އެކްޓިން ފެނިގެންދެއެވެ. ހެއްވާ މަޖާ، ލޯބީގެ އެތައް ކަމެއް ދައްކުވައިދޭ "މީ ލޯތްބަކީ" ބަލާލަން ރަހުމަތްތެރިންނާ އެކު އޮލިމްޕަހަށް ގޮސްލުމަކީ ހަމަ ރަނގަޅު ކަމެއްކަމަށް އެ ފިލް ބަލާފައި އަންނަ ގިނަބަޔަކު ބުނެއެވެ.