10 Apr 2017, 10:09
ގާހިރާ(އޭޕްރިލް 9): މިސްރުގެ ދެ ފައްޅިއަކަށް ހަމަލާދީ 44 މީހަކު މަރާލުމާ ގުޅިގެން އެގައުމުގައި ތިން މަސް ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
މިސްރުގައި ކުއްލި ހާލަތު އިއުލާން ކުރަން އެގައުމުގެ ރައީސް އަބްދުލް ފައްތާހު އައް ސީސީ ކުރެއްވި އަމުރުފުޅަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ތާއިދުކޮށްފި ނަމަ، ކޯޓު އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމާއި، ގެތައް ފާސް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުއްދަ ލިބިގެން ދާނެ އެވެ.
ރައީސް ސީސީ ވަނީ ކުއްލި ހާލަތު ތަންފީޒު ކުރާނީ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަނީ ސީސީ އަށެވެ.
ކްރިސްޓިއަން ކަލަންޑަރުގައި އެންމެ މާތް އެއް ދުވަސް ކަމަށްވާ ޕާމް ސަންޑޭގައި ތަންތާ ސިޓީ އާއި އިސްކަންދަރިއްޔާގެ ދެ ފައްޅިއަކަށް ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ ނަގާފައެވެ. އެހަމަލާތަކުގައި 44 މީހަކު މަރުވުމުގެ އިތުރުން 71 މީހަކަށް އަނިޔާވި ކަމަށް މިސްރުގެ މީޑިއާތަކުން ބުނެ އެވެ.
މިސްރުގެ އާބާދީގެ އެންމެ 10 ޕަސެންޓު ހިއްސާ ކުރާ ކްރިސްޓިއަނުންނަށް ދޭ ހަމަލާތައް ފަަހަކަށް އައިސް ވަނީ އިތުރުވެފައެވެ. (ބީބީސީ)