10 Apr 2017, 09:19
އެއްވެސް މީހަކަށް ހަމަލާ ދީފައި ނުވާނެ ކަމަށާއި، ފަތުރަމުން އަންނަނީ ދޮގު ޚަބަރުތަކެއް ކަމަށް ބޮލީވުޑުގެ އެކްޓަރު އަރްޖުން ރާމްޕާލް ބުނެފި އެވެ.
އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގެ ހޮޓަލެއްގެ ކުރިއަށް ދިޔަ ޕަޓީ އެއްގެ ތެރެއިން، ކެމެރާ އެއްގެ ފްލޭޝް އެއްލައި އަރްޖުން މީހަކަށް ހަމަލާ ދިން ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ އެވެ.
ޝޯބިތު ނަމަކަށް ކިޔާ ފިރިހެނަކު އަރްޖުން އާ ދެކޮޅަށް ޝަކުވާ ހުށަހަޅާފައި ވަނީ، ޑީޖޭ އެއްގެ ގޮތުގައި ހުރި އަރްޖުން އަރްޖުން އެއްލި ފްލޭޝް އިން ޖެހި އޭނާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށް ބުނެ އެވެ. އޭނާ ބުނީ ފްލޭޝް އިން އޭނާގެ ބޮލުގައި ޖެހިފައި ވަނީ ނަށަން ހުއްޓައި ކަމަށެވެ.
ނަމަވެސް އަރްޖުން ވަނީ މިއަދު ކުރި ޓުވީޓެއްގައި އެ ވާހަކަތައް ދޮގުކޮށްފައެވެ. އަރްޖުން ކުރި ޓުވީޓުގައި ބުނެފައި ވަނީ އެއްވެސް މީހަކަށް ހަމަލާ ދީފައި ނުވާނެ ކަމަށެވެ. އަދި އެއީ ދޮގު ވާހަކަ އެއް ކަމަށާއި، ފަތުރަމުން އަންނަ ޚަބަރު ތަކަކީ ވެސް ދޮގު ކަމަށް އަރްޖުން ވަނީ ބުނެފަ އެވެ.
"މީހުން ކޮންތާކުން ހޯދާ ވާހަކަތަކެއް ކަމެއް ވެސް ނޭނގެ،" އަރްޖުން ބުނެފައިވެ އެވެ.
އަރްޖުން އާ ދެކޮޅަށް ފުލުހުންނަށް ޝަކުވާ ހުށަހަޅާފައި ވީނަމަވެސް، ޝަކުވާ ހުށަހެޅި މީހާގެ ބޮލަށް އެއްވެސް އަނިޔާ އެއް ވެފައިވޭތޯ އާއި އަދި ވެފައިވާނަމަ އެއީ ކިހާވަރެއްގެ އަނިޔާއެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނާތީ، ފުލުހުން އަދި އެ މައްސަލައިގައި އެފްއާރްއައި އެއް ރެޖިސްޓަރ ކޮށްފައެއް ނުވެ އެވެ.