އެކިއެކި ސިއްހީ މައްސަލަތައް ހުރިކަން އެނގިގެން އިނގިރޭސިވިލާތުގައި މިދިޔަ އަހަރު 2290 ކުދިން އުފަންވުމުގެ ކުރިން މަރާލައި ވައްޓާލާފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ. އަދި އޭގެ ތެރެއިން 147 ކުދިން ވައްޓާލާފައި ވަނީ 24 ހަފްތާ )ހަމަސް( ވުމަށް ފަހުގައި ކަން ވެސް ވަނީ ހާމަވެފަ އެވެ.

އިނގިރޭސިވިލާތުގެ ހެލްތު ޑިޕާޓްމަންޓުން މިހިސާބުތައް އާއްމުކޮށްފައި މިވަނީ އެބޯޝަން ހެދުމާ ދެކޮޅަށް މަސައްކަތްކުރާ އެ ގަމުގެ ޖަމާއަތެއް ކަމަށްވާ "ދި ޕްރޯ ލައިފް އެލަޔަންސް" އިން އެ މައުލޫމާތު ހޯދުމަށް ކުރި ގާނޫނީ މަސައްކަތްތަކެއް އެ ޖަމިއްޔާއަށް ކާމިޔާބު ވުމާ ގުޅިގެން ، އެ މައުލޫމާތު އާއްމުކުރަން މަޖުބޫރުވުމާ ގުޅިގެންނެވެ.

"މިއީ ޓްރާންސްޕޭރެންސީ އާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ލިބުނު ކާމިޔާބީއެއް، ލޭޓް އެބޯޝަން އަށް މީހުން ދައްކާފައިވާ އުޒުރުތަކާ ބެހޭ މައުލޫމާތުތައް 2001 ވަނަ އަހަރެކޭ އެއްގޮތަށް މިހާރު އެހެރީ އާއްމުކޮށް ލިބެން،" ޕްރޯ ލައިފް އެލަޔަންސްގެ ތަރުޖަމާނު ޖޫލިއާ މިލިންޓަން ބުނިކަމަށް ޑެއިލީ މެއިލްގައި ވެއެވެ.

އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޑައުން ސިންޑްރޯމް )ނުކުޅެދުންތެރިކަމެއް( ހުރިކަން އެނގިގެން 482 ކުދިން ވައްޓާލާފައި ވާއިރު އޭގެ ތެރެއިން 10 ކުދިން ވައްޓާލާފައި ވަނީ ހަމަސް ވީފަހުންނެވެ. ސްޕައިނާ ބިފީޑާ ނަމަކަށް ކިޔާ މައްސަލައެއް ކުރިތިވެފައިވާތީ 128 ކުއްޖަކު މިދިޔަ އަހަރު ވައްޓާލާފައިވާއިރު އޭގެ ތެރެއިން 12 ކުދިން ވައްޓާލާފައިވަނީ ހަ މަސް ވުމަށް ފަހުގަ އެވެ.

އިނގިރޭސިވިލާތުގައި މިދިޔަ އަހަރު ވައްޓާލި ކުދިންގެ ތެރެއިން ކްލަބް ފޫޓް )ފައިތިލަ ފުރޮޅިފައި ހުރުން( ފަދަ ކަށީގެ އެކިއެކި އައިބުތައް ހުރުމުން 181 ކުދިން ވައްޓާލާފައިވާއިރު އޭގެ ތެރެއިން އަށް ކުދިން ވައްޓާލާފައި ވަނީ ހަމަސް ވީފަހުން ނެވެ. އަދި ތުންފަތް ކަނޑައިގެން ގޮސްފައި ހުރުން ފަދަ އައިބުތައް ހުރެގެން ހަތް ކުދިން ވައްޓާލާފައި ވާއިރު 2002 ވަނަ އަހަރުން ފެށިގެން އެފަދަ ސަބަބުތަކާ ހެދި ވައްޓާލި ކުދިންގެ އަދަދު ވަނީ 26 އަށް އަރާފަ އެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުން މަޖުބޫރުވެގެން އާއްމުކުރި ތަފާސްހިސާބުތަކުން ހާމަވެފައިވާ ގޮތުގައި 2002 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އުމުރުން 16 އަހަރުން ދަށުގެ އަންހެނުން ބަލިވެ އިނދެ ދަރިން ވައްޓާލާފައިވާ އަދަދަކީ 35262 އެވެ.