ދިމިޝްގު(އެޕްރީލް 10): ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅުމާގުޅިގެން އެމެރިކާ ދުނިޔޭގެ ކަންކަމަށް އަތްގަދަކޮށް ހަންފެތުރިގޮތަށް ދެން އެކަން ކުރުމުގެ ފުރްސަތު އެމެރިކާއަށް ނުދޭނެ ކަމަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރަޝިޔާއިން ބުނެފި އެވެ.

ސޫރިޔާގައި ރަޝިޔާ ގާއިމްކޮށްފައިވާ ގުޅިފައިވާ އަސްކަރީ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިޔާއާއި ރަޝިޔާގެ ބައިވެރިން ތިބީ ސޫރިޔާއާއި މެދުއިރުމަތީގައި އެމެރިކާއަށް އެއްވެސް ވަރަކަށް ދޫ ދޭ ގޮތަށް ނޫންކަމަށާއި ގައުމުތަކުގެ ސަރުކާރުތަކަށް ގޮންޖަހައި ގައުމުތަކަށް އެމެރިކާ ބޭނުންހާ ވަގުތަކު ހަމަލާދިނުމުގެ ހަރުކަށި ސިޔާސަތުތަކަށް އެއްވެސް ވަރަކަށް ދޫ ނުދެވޭނެ ކަމުގަ އެވެ.

މިބަޔާނުގައި ރަޝިޔާ އާއި ރަޝިޔާއާ ގުޅިފައިވާ ބާރުތަކުގެ އަސްކަރީ ބާރާއި ގާބިލްކަން އެމެރިކާއަށް ރަނގަނޅަށް އެނގޭނެކަމަށާ މިކަން ދަނެގެން ހަރަކާތްތެރިވުމަށް އެމެރިކާއަށް ގޮވާލާފައިވެ އެވެ. މިބަޔާނުގައި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ހިމާޔަތްކުރުމުގައި އީރާނާއި ރަޝިޔާއާ ގުޅިގެން ސޫރިޔާގައި ހަރަކާތްތެރިވާ އަސްކަރީ ޖަމާއަތްތަކުން ވެސް ސޮއިކޮށްފައިވެ އެވެ.

އެމެރިކާ ދާދިފަހުން ވަނީ ސޫރިޔާގެ ޚާން ޝައިޚޫން ސަރަހައްދަށް ދިން ކެމިކަލް ގޭހުގެ ހަމަލާގެ ޒިންމާ ސޫރިޔާ ސަރުކާރުގެ ބޮލުގައި އެޅުވުމަށް ފަހު ސޫރިޔާގެ ވައިގެ ބޭހަކަށް ތޯމަހޮކް ކްރޫޒް މިސައިލުން ވަރުގަދަ ޙަމަލާތަކެއް ދީފަ އެވެ. ނަމަވެސް މިޙަމަލާތައް ދިނީ ހަމަލާދޭނެކަން ރަޝިޔާއަށް އެންގުމަށްފަހުގަ އެވެ.

ރަޝިޔާއާއި ރަޝިޔާގެ ބައިވެރިން އެމެރިކާއާ ދެކޮޅަށް ނެރުނު އަސްކަރީ ބަޔާނަށް ފަހު ރަޝިޔާގެ އަސްކަރީ ދެމަނަވަރު ސޫރިޔާގެ އައްސޭރިފަށުގެ ކައިރިއަށްގޮސް އެތަނުގައި ބަނދަނރު ކުރުމަށް ރައީސް ވްލަޑިމިޔަރ ޕޫޓިން ވަނީ ކުއްލި ގޮތަކަށް އަމުރުކުރައްވާފަ އެވެ. ޕޫޓިންގެ މިއަމުރާއެކު ކަލީބާ މަރުކާގެ ކުރޫޒް މިސައިލުން ޙަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ރަޝިޔާގެ ދެމަނަވަރު ކަޅުކަނޑު ހުރަސްކޮށް މެޑިޓަރޭނިޔަން ކަނޑާ ދިމާއަށްވަނީ މިސްރާބު ޖަހާފަ އެވެ.

އެމެރިކާ މިދިޔަ ހުކުރު ދުވަހު ސޫރިޔާއަށް ދިން ކްރޫޒް މިސައިލް ހަމަލާ މަތަކޮށްލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލް އައްޑަނައިގެ ނިޒާމެއް ރަޝިޔާއިން ސޫރިޔާގައި ގާއިމްކޮށްފައިވެ އެވެ. ނަމަވެސް އެމެރިކާގެ މިސައިލްތަކާ ދެކޮޅަށް ރަޝިޔާ މި ނިޒާމު ބޭނުންކޮށްފައެއް ނުވެ އެވެ. އެމެރިކާ ސޫރިޔާއަށް ހަމަލާދީފައި ވަނީ ސޫރިޔާގައިވާ ރަޝިޔާގެ މަސްލަހަތަށް އެއްވެސް ގެއްލުމެއް ނުލިބޭ ގޮތަށް ބަލައިގެންނެވެ. އަދި ބައްޝާރުގެ ވެރިކަން ވައްޓާލުމަކީ ވެސް ސްޓްރެޓެޖީއެއްގެ ގޮތުގައި އެމެރިކާ ކަނޑައަޅާފައެއް ނުވެ އެވެ.

ރަޝިޔާ އިން އެމެރިކާއަށް ރައްދު ނުދިނީ މި ސަބަބުތަކާ ގުޅިގެންކަމަށް ތަޖްރިބާކާރުން ދެކެ އެވެ. މީގެ އިތުރުން އަސްކަރީ ގޮތުން ދެގައުމު ސީދާ ގޮތެއްގައި ކުރިމަތިނުލުމުގެ ސިއްރު އެއްބަސްވުމެއް ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުން ފެށިގެން ރަޝިޔާއާއި އެމެރިކާއާ ދެމެދު އޮވެ އެވެ.

ރަޝިޔާ އިން އެމެރިކާއަށް އިންޒާރު ދީފައިމިވަނީ އެމެރިކާ ވެސް ސޫރިޔާއަށާއި އުތުރުކޮރެޔާއަށް ހަރުކަށި އިންޒާރުތަކެއްދެމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސޫރިޔާއަށް އިސްވެ ޙަމަލާދިނުމަށް އަމުރުކުރެއްވުމުގެ އިތުރުން އެމެރިކާގެ ހަނގުރާމައިގެ ގުރާބުތައް އުތުރުކޮރެޔާއާ ދިމާއަށް މިސްރާބު ޖެހުމަށްވެސް އަމުރު ކުރައްވާފަ އެވެ. މިއާއެކު ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވަނީ ބައިނަލްއަގްވާމީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު ވެސް އެމެރިކާގެ މައްޗަށް ކުރައްވާފަ އެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން މާދަމާ ރަޝިޔާއަށް ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ. (ނޫސް އެޖެންސީތައް)