10 Apr 2017, 09:02
ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ސަންޑަލޭންޑް ބަލިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ އުންމީދު މެންޗެސްޓާ ޔުނައިޓެޑުން އާކޮށްފިއެވެ.
ރަށުން ބޭރުގައި އިއްޔެ ކުޅުނު މެޗުގައި ސަންޑަލޭންޑްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދާފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކުރުމަށްފަހު، ޔުނައިޓެޑުން ލީޑު ހޯދީ މެޗުގެ 30 ވަނަ މިނެޓުގައެވެ. އެންޑާ ހެރޭރާ ދިން ބޯޅައަކުން ޔުނައިޓެޑަށް ސަންޑަލޭންޑްގެ ގޯލު ހުޅުވާލަދިނީ މިސީޒަނުގައި ޔުނައިޓެޑާ ގުޅުނު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ސަންޑަލޭންޑްގެ ސަބަސްޓިއަން ލާސަންއަށް ދެއްކި ރަތް ކާޑާ ގުޅިގެން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަކުރަން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ހެރޭރާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ލޫކް ޝޯ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަރްމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރިޔަންއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސަންޑަލޭންޑް ގޯލުގެ ތިރީ ކަނަށެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ. އިބްރަހިމޮވިޗް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޒުވާން ފޯވަޑް މާކަސް ރަޝްފާޑެވެ. އެއީ މިއަހަރު އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަންޑަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޔުނައިޓެޑް މޮޅުވީ 3-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
އެ ނަތީޖާއާއެކު ފަސްވަނައިގައި އޮތް ޔުނައިޓެޑާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓްގެ ފަރަގެކެވެ. ޔުނައިޓެޑަށް އަދި ފައިދާ އެއް މެޗު އޮތްއިރު، ފަހަތުން ވިއްދާފައި ހަ ވަނައިގައި އޮތް އާސެނަލާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ޔުނައިޓެޑުން ވަނީ އާސެނަލަށްވުރެ، އެއް މެޗު އިތުރަށް ކުޅެފައެވެ.