މިނިވަން ޗެމްޕިއަންޝިޕްގައި މީދޫ ބަލިކޮށް، ރ. އަތޮޅުގެ ޗެމްޕިއަން އުނގޫފާރުން ހޯދައިފި އެވެ.

އުނގޫފާރުން ޗެމްޕިއަންކަން ހޯދީ އަމިއްލަ ރަށުގައި އިއްޔެ ހަވީރު ކުޅުނު ރ. އަތޮޅުގެ ފައިނަލުގައި މީދޫ އަތުން 1-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އުނގޫފާރުން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. މެޗުގެ 32 ވަނަ މިނެޓުގައި އުނގޫފާރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަމްޕޮންސާ ބާނާޑް ކުވާސީ އެވެ.

އުނގޫފާރު ދެން ވާދަކުރަން ޖެހޭނީ ޒޯން ދޭއްގެ ބުރުގަ އެވެ. އެ ބުރުގައި އުނގޫފާރުގެ އިތުރުން ދެން ވާދަކުރާނީ ޅ. އަތޮޅުގެ ޗެމްޕިއަން އޮޅުވެލިފުށި އަދި ބ. އަތޮޅުގެ ޗެމްޕިއަން އޭދަފުއްޓެވެ. އޭގެ ތެރެއިން އޭދަފުށްޓަކީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމެވެ. ޒޯން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެ އެވެ.

ޒޯން ދޭއްގެ ފުރަތަމަ މެޗު އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި ފަހު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. ޒޯން ދޭއްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.