10 Apr 2017, 08:57
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބ. ދަރަވަންދޫ ބަލިކޮށް، ބ. އަތޮޅުގެ ޗެމްޕިއަންކަން މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށިން ހޯދައިފިއެވެ.
އަމިއްލަ ރަށުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ދަރަވަންދޫ އަތުން އޭދަފުށި މޮޅުވެފައިވަނީ 5-1 ލަނޑުންނެވެ.
ބ. އަތޮޅު ބުރުގައި ހަމައެކަނި އޭދަފުށްޓާއި ދަރަވަންދޫ ބައިވެރިވެފައިވުމުން ދެ މެޗު ކުޅެ ކުރީގައި އޮންނަ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގައި އޭދަފުށިން ދަރަވަންދޫ ބަލިކޮށްފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގެ ދިހަވަނަ މިނެޓުގައި ހުސައިން ޝިފާހު އޭދަފުށްޓަށް ލީޑު ހޯދައިދިންއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ އަލީ ޒުބައިރުއެވެ. މެޗުގެ 32 ވަނަ މިނެޓުގައި ދަރަވަންދޫގެ ލަނޑު އާދިލް ރަޝީދު ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، އޭދަފުށްޓަށް އަލުން ލީޑު ފުޅާކޮށްދިނީ އިޝާން އިބްރާހިމްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 ލަނޑުން އޭދަފުށި ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް އޭދަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އަޝްރަފް ޔޫސުފްއެވެ. އަދި ދެވަނަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައި އޭދަފުށީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސުޖާއުއެވެ.
އޭދަފުށި ދެން ވާދަކުރަން ޖެހޭނީ ޒޯން ދޭއްގެ ބުރުގައެވެ. އެ ބުރުގައި އޭދަފުށީގެ އިތުރުން ދެން ވާދަކުރާނީ ޅ. އަތޮޅުގެ ޗެމްޕިއަން އޮޅުވެލިފުށި އަދި ރ. އަތޮޅުގެ ޗެމްޕިއަން އުނގޫފާރެވެ. ޒޯން ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ކުރީގައި އޮންނަ ދެ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ.
ޒޯން ދޭއްގެ ފުރަތަމަ މެޗު އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ޒޯން ދޭއްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.