10 Apr 2017, 08:56
މިނިވަން ޗެމްޕިއަންޝިޕްގައި ފަހަތުންއަރައި ކުޑަފަރީ ބަލިކޮށް، ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫން ހޯދައިފިއެވެ.
ނ. އަތޮޅުގެ ޗެމްޕިއަންކަން މާޅެންދޫ ހޯދާފައިވަނީ ނ. ކެނދިކުޅުދޫ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ކުޑަފަރީ އަތުން 2-1 ލަނޑުގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ކުޑަފަރީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކުޑަފަރީއަށް ލީޑު ހޯދައިދިނީ ހަސަން ސޯދިގެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ކުޑަފަރީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ މާޅެންދޫގެ ދެ ލަނޑެވެ. މެޗުގެ 68 ވަނަ މިނެޓުގައި މާޅެންދުއަށް އަބްދުﷲ ޝަފީއު ނަތީޖާ ހަމަހަމަކޮށްދިންއިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާޅެންދުއަށް ލީޑު ހޯދައިދިނީ ވެސް އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޝަފީއުއެވެ.
ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި މާޅެންދޫ ދެން ނުކުންނަން ޖެހޭނީ ޒޯން ބުރުގައި ށ. އަތޮޅުގެ ޗެމްޕިއަން މިލަންދޫއާ ދެކޮޅަށެވެ. އެ ބުރުގައި މިލަންދޫގެ ހޯމް މެޗު އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މާޅެންދޫގެ ހޯމް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ދެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް ޒޯން ބުރުގެ ޗެމްޕިއަންކަން ލިބިގެންދާނެއެވެ.