ކްލަބު މޯލްޑިވްސް ކަޕްގައި ތައުލީމީ ގުޅުން ބަލިކޮށް، ޕްރިސަން ރެކްރިއޭޝަން ކްލަބުން ފެށުން ރަނގަޅުކޮށްފިއެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ތައުލީމީ ގުޅުމުގެ މައްޗަށް ޕްރިސަން ޓީމުން ކުރި ހޯދީ 3-2 ލަނޑުގެ ނަތީޖާއަކުންނެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި ޕްރިސަން ރެކްރިއޭޝަން ކްލަބާއި ތައުލީމީ ގުޅުން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޕްރިސަން ރެކްރިއޭޝަން ކްލަބު މޮޅުވީ 3-2 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި ޕްރިސަން ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސައިން އަލީ (އަޗޭ)އާއި، އާދަމް މަންސޫރު (މަންތު) އަދި ޖައިލަމް ޖަމީލެވެ. ތައުލީމީ ގުޅުމުގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އައްޒާމް އަލީ ދީދީއެވެ.

އެ މެޗުގެ އިތުރުން ވެސް 'ގްރޫޕް ބީ'ގެ އިތުރު މެޗެއް އާދީއްތަ ދުވަހުގެ ރޭ ކުޅެވުނެވެ. މޯލްޑިވިއަންއާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި ވާދަވެރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މޯލްޑިވިއަންއާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ މެޗުތައް ހޯމަ ދުވަހު ވެސް ކުރިއަށްދާނެއެވެ. ހޯމަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް ސީ'ގެ ދެ މެޗާއި 'ގްރޫޕް ޑީ'ގެ ދެ މެޗެވެ.

ހޯމަ ދުވަހުގެ ރޭ ކުޅޭ މެޗުތައް:

20:15- ކްލަބު އިމިގްރޭޝަން – އެސްޓީއޯ ރެކްރިއޭޝަން ކްލަބު

20:15- އެމްޕީއެލް – ކްލަބު އެމްޓީސީސީ

21:30- ކްލަބު ޓީސީއެލް – އެލައިޑް

21:30- އެމްޑަބްލިޔުއެސްސީ – ޓީމް އެފްއެސްއެމް

ކްލަބު މޯލްޑިވްސް ކަޕްގައި މޯލްޑިވިއަންއާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.