10 Apr 2017, 00:58
ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ފެހި ފަހި ކްލަބު ކޮޅަށް 16 ލަނޑުޖަހައި، އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އެފްޓީން ފެށުން ރަނގަޅުކޮށްފިއެވެ.
ކުޅިވަރު އެކުވެނި ވެލި ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ފެހި ފަހި ކްލަބު އަތުން އަވަ އެފްޓީ މޮޅުވެފައިވަނީ 16-0 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި އަވަ އެފްޓީއާއި ފެހި ފަހި ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު އަވަ އެފްޓީން ކާމިޔާބުކުރީ 16-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އަވަ އެފްޓީން ކާމިޔާބުކުރި 16 ލަނޑުގެ ތެރެއިން ހަތް ލަނޑު އަރީޝާ ރިޒާ ކާމިޔާބުކޮށްދިންއިރު، ފާތިމަތު އަލްމާ އަލީ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ ތަޖިކިސްތާން ކުޅުންތެރިޔާ ފޮޒިލޯވާ މަދީނާ ތިން ލަނޑު ކާމިޔާބުކޮށްދިންއިރު، ފާތިމަތު ސަލްމާ އަދި ނަޝީމާ އިބްރާހިމް (ގޮގްސް) ވެސް ލަނޑެއް ކާމިޔާބުކޮށްފައިވެއެވެ.
އެސްޓީއޯ ރެކްރިއޭޝަން ކްލަބުން ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ސްޓެލްކޯ ރެކްރިއޭޝަން އަތުން 1-0 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. 'ގްރޫޕް ސީ'ގައި ކުޅުނު އެ މެޗުގައި އެސްޓީއޯއިން ކާމިޔާބުކުރި ލަނޑު އެޓީމަށް ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ މެނާ އަހްމަދީއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި އެމްއޭސީއެލްއާއި ޕޮލިސް ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އެމްއޭސީއެލް މޮޅުވީ 6-3 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އާދީއްތަ ދުވަހުގެ ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ޓީމް ފެނަކަ ވަނީ ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިފައެވެ. އަދި 'ގްރޫޕް ސީ'ގެ މެޗުގައި އެމްއޭސީއެލްއިން ވަނީ ޕޮލިސް ކްލަބު އަތުން 6-3 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. އެ ދުވަހުގެ ހަވީރު ޓީމް ފެނަކާއާ ދެކޮޅަށް ތައުލީމީ ގުޅުން ނުކުންނައިރު، އެމްއޭސީއެލްއާ ދެކޮޅަށް ނުކުންނާނީ އުރީދޫއެވެ.

ވިމެންސް ފުޓްސަލް ފިއެސްޓާގައި އަވަ އެފްޓީއާއި ފެހި ފަހި ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު އަވަ އެފްޓީން ކާމިޔާބުކުރީ 16-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.
މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.