10 Apr 2017, 00:07
މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ 42 މެމްބަރުންގެ ސޮއާއެކު ހުށަހަޅަންޖެހޭ ގޮތަށް އާންމު ކޮމެޓީން ފާސްކޮށްފައިވާ އިިސްލާހަކީ ގާނުނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އާންމު ކޮމެޓީން ކުއްލި ގޮތަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ. ނަމަވެސް އާންމު ކޮމެޓީން މިއަދު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ.
މ. ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިތުބާރު ނެތް ކަމުގެ ވޯޓު މިއަދު މެންދުރު މަޖިލީހަށް ވެއްދުމާއެކު ސަރުކާރަށް ތާއިދު ކުރައްވާ މެމްބަރުން އަވަސް އަރުވާލައިގެން އާންމު ކޮމެޓީގެ ބައްދަލުމެއް ބާއްވައި، ފާސްކުރީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށާއި ކޮމެޓީގެ އެ ނިންމުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށެވެ.
"މިގެންނަ އިސްލާހަށް ބަލާލާއިރުގައި ފުރަތަމަ ކަމަކަށް ވެސް އަޅުގަނޑުމެނަށް ފާހަގަވެގެން މިދަނީ މިއީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަން. މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހަށް ގެނެވޭނެ އިސްލާހެއް ނޫންކަން ކަނޑައެޅިގެން ގާނޫނު އަސާސީ ބަލައިލީމަ އެބަ އިނގޭ. އަދި އެ އިސްލާހަކީ އެޖެންޑާ ވެސް ކުރެވެގެން ވާނެ އިސްލާހެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިރޭ މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ
އިބޫ ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ނަގާ ވޯޓުގައި އެންމެ މެމްބަރެއްގެ ވޯޓުން ވެސް ކާމިޔާބު ކުރެވޭނެ ކަމަށާއި އެހެން އޮތް ކަމެއްގައި 42 މެމްބަރުންގެ ވޯޓް ބޭނުން ވާނެ ކަމަށް ލާޒިމް ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
"ޑިކްޓޭޓާޝިޕެއް އޮންނަ ތަންތާންގައި ވެސް ޕާލިމެންޓްތައް އޮވޭ. އޭގެން އެއްވެސް ޕާލިމެންޓެއްގައި ވެސް ނެތް މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާކަށް ނޯވޭ މަޖިލީހުގެ އަގުލަބިއްޔަތެއް،" އޭނާ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު މި ދަނީ ހުދުމުހުތާރު ގައުމުތަކުގައި ކަން ހިނގާ އުސޫލަށް ވުރެން ވެސް ގޯސްކޮށް ކަމަށާއި އެ ސަބަބުތަކަށްޓަކައި މަޖިލީހުގެ ރިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ދުވަހު ވެސް އަޅުގަނޑުމެން ދެންނަވިން އަޅުގަނޑުމެން މި ނުކުންނަނީ ވަރަށް ގަދަ ކަނޑަކަށޭ. ވަރަށް ގިނަ ރާޅުތަކާއި އޮޔާއި ވަައި އަޅުގަނޑުމެނަށް ކުރިމަތިވާނެ އޭ. އެކަންތައްތައް ކަޑައްތުކޮށްފައި އޭ އަޅުގަނޑުމެން ދާނީ. މިއަންނަނީ އޭގެ ކަންތައްތައް،" އިބޫ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ހުށަހެޅީ މަޖިލިސް ހުއްޓުވާލައި ވަގުތު ނަގާލަން ނޫން ކަމަށާއި އެއީ މަޖިލިސް ހަމަމަގަށް އެޅުމަށް ކުރާ ކަމެއް ކަމަށެވެ.