09 Apr 2017, 17:52
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުވާނެ ފަދަ އިސްލާހެއް އާންމު ކޮމެޓީން ފާސްކޮށްފި އެވެ.
އާންމު ކޮމެޓީން ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮޔާއެކުގައި ކަމަށެވެ.
ނަމަވެސް އާންމު ކޮމެޓީން ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއާއެކުގައި ކަމަށެވެ.
މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް އާންމު ކޮމެޓީން މިއަދު ފާސްކުރި އިސްލާހުގެ ރިޕޯޓު، މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު އެ އިސްލާހު ފާސްކުރުމާމެދު މާދަމާ މެންދުރުފަހު 1:30ގައި ވޯޓަށް އަހާނެ އެވެ.
ކޮމެޓީން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށާނީ، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވުމުންނެވެ.
އާންމު ކޮމެޓީގެ މުގައްރިރު އަލީ އާރިފު "ސަން"އަށް ވިދާޅުވީ އެ އިސްލާހު މަޖިލީހުން ފާސްވެއްޖެނަމަ، މަސީހާއި މޫސަގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުވާނެ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮއާއެކުގަ އެވެ. މޫސަގެ މައްސަލަ ހުށަހަޅާފައި ވަނީ 15 މެމްބަރުންގެ ސޮއާއެކުގަ އެވެ.
އާރިފު ވިދާޅުވީ އެ އިސްލާހު ގެންނަން ޖެހުނީ ސަރުކާރަށް ޖެއްސުން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.
އެ އިސްލާހު ގެނައުމުގެ ވިސްނުން އައީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން ދާދިފަހުން ގެނައި އިސްލާހެއްގެ ސަބަބުން ކަމަށެވެ.
އެމެރިކާގެ ސަރުކާރާ ވާދަވެރި ފަރާތްތަކުން އެ ގައުމުގެ ސަރުކާރަށް ޖެއްސުން ކުރުމަށް ކަންތައްތައް ކުރާތީ، ސުޕްރީމް ކޯޓުން ލަފާ ދީފައި ވަނީ އަގުލަބިއްޔަތާ ކައިރި ކުރާ އަދަދަކުން ނޫނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މޫސަ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ އަންނަ އަންގާރަ ދުވަހަށް ވަނީ އެޖެންޑާކޮށްފަ އެވެ.
މަސީހު ވަކިކުރުމަށް 31 މެމްބަރުންގެ ސޮއާއެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް މިއަދު މައްސަލަ ހުށަހަޅާފައިވާއިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން މަސީހު ވަކިކުރަން ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ފަހަރު ވޯޓު ނާކާމިޔާބުވެފައިވެ އެވެ. އަދި މައްސަލަ އެންޖެންޑާ ކުރުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ އަނބުރާ މައްސަލަ ގެންގޮސްފަ އެވެ.