10 Apr 2017, 16:12
ރާއްޖޭގައި މިފަހަކަށް އައިސް ފުޓްބޯޅަ ކުޅުންތެރީން އުފެއްދުމަށް ފެށި އެންމެ ބޮޑު އެއް މަޝްރޫއަކީ، ކްލަބުތަކުން ފުޓްބޯޅަ އެކަޑަމީތައް އުފައްދައި، ޅައުމުރުގެ ކުދީން ފުޓްބޯޅައަށް ފައްކާކުރުމުގެ މަސައްކަތެވެ. އެގޮތުން، މީގެ ތިން ހަތަރު އަހަރު ކުރީން ފެށިގެން ފެށުނު މި މަސައްކަތުގައި ބައެއް ކްލަބުތަކުން ފޯރިއާއެކު ކުރިއަށް ދާއިރު، ބައެއް އެކަޑަމީތައް ވަނީ ހިންގުން ދޯހަޅިވެ ހުއްޓުމަކާ ގާތަށް ގޮސްފައެވެ.
ދިވެހި ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި އެންމެ ބޮޑު އެއް ކްލަބަކީ އަދިވެސް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ޚާއްސަކޮށް ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ނިއުގެ ނަން އަބަދުވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ފުޓްބޯޅަ އެކަޑަމީ އުފެއްދުމުގައި ވެސް އެންމެ ކުރީސަފުގައި އިސްނެގި އެއް ކްލަބަކީ ނިއުރޭޑިއަންޓެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން، އޭޕްރީލް 8، 2017 -- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ
ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށް ނިއުއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ކްލަބުގެ ފުޓްބޯޅަ އެކަޑަމީ ތައާރަފްކުރީ، 2013 ވަނަ އަހަރުއެވެ. ގާތްގަނޑަކަށް 60 ކުދީންނާއެކު ފުރަތަމަ ފެށި އެ އެކަޑަމީގައި ޖެހިގެން އައި އަހަރު 100 އަށްވުރެ ގިނަކުދީން ތިއްބެވެ. ނަމަވެސް، 2016 ވަނަ އަހަރު ނިމިގެން ދިޔައިރު، ނިއުގެ އެކަޑަމީގެ އަޑެއް ނީވެއެވެ. އެކަޑަމީ ހަރަކާތްތައް ވަނީ އެއްކޮށްހެން ހުއްޓިފައެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބުން މިފަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލީ އާ މެނޭޖްމަންޓަކާއެކު، އާ އުންމީދުތަކަކާއެކު އެވެ. އޭގެ ތެރޭގައި ވަރުގަދަ ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، އެ އެކަޑަމީ މެދުވެރިކޮށް ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރީންތަކެއް އުފެއްދުން ހިމެނެއެވެ.
ނިއުގެ އާ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، އެ ކްލަބުގެ ކުރީގެ މެނޭޖްމަންޓުން އެކަޑަމީގެ ރެކޯޑްތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން، އެކަޑަމީގެ ހަރަކާތްތައް އަލުން ފެށުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުޙައްމަދު ޒިޔާދު، ސަން ސްޕޯޓްސް އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިމަހުގެ 8 ވަނަ ދުވަހު ނިއުގެ އެކަޑަމީގެ މަސައްކަތް، އާފެށުމަކުން ރަސްމީކޮށް ފަށާފައިވާއިރު، ކްލަބުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުޙައްމަދު ޒިޔާދު، ސަން ސްޕޯޓްސް އަށް ވިދާޅުވީ، މަސައްކަތް ފެށުމުގައި ކުޑަ ޑިލޭއެއް އައީ، އާ މެނޭޖްމަންޓާ ކްލަބު ހަވާލުވިއިރު، އެކަޑަމީގެ ކުރީގެ ރެކޯޑުތައް ނެތުމުން ކަމަށެވެ.
"ކުރީގަ ތިބި ކުދިންގެ އެއްވެސް މައުލޫމާތެއް ނެތް. އެހެންކަމުން އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ނެގީ، އެ ހުރިހާކަމެއް ސެޓަޕްކުރުމާ، ޖާރޒީ ހެއްދުމާ މިހުރިހާކަމެއް. ދެން އިރާދަކުރެއްވިއްޔާ މިފަހަރު އެކަޑަމީގެ ކަންކަން ރަނގަޅަށް ދާނެ،" ޒިޔާދު ވިދާޅުވިއެވެ.
ނިއުގެ އެކަޑަމީ، ފުރަތަމަ ފެށި އިރު، ތަމްރީނުތައް ކުރިއަށް ގެންދިޔައީ 6 އަހަރުން ދަށާއި، 10 އަހަރުން ދަށުގެ އުމުރުފުރައާއި އަދި 14 އަހަރުން ދަށުގެ އުމުރުފުރައިގެ ކުދީންނަށެވެ. އެހެން ނަމަވެސް މިފަހަރު ޕްލޭން މުޅިން ތަފާތެވެ. ޒިޔާދު ވިދާޅުވިގޮތުގައި މިފަހަރު، އެކްލަބުގެ އެކަޑަމީ ހާއްސަވަނީ 6 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް، އެކަޑަމީގެ 14 އަހަރުން ދަށުގެ އާބާދީ ބައްޓަންކޮށްފައި ވާނީ، ފެންވަރު ރަނގަޅު ކުޅުންތެރީންތަކެއް އުފެއްދުމަށް ވަރަށް ބޮޑަށް ބަލައިގެންކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިއުގެ އެކަޑަމީ ފެށުން: އެކަޑަމީގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލެވިފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
"އަޅުގަނޑުމެންގެ ޕްލޭނަކީ މާލޭގައި މި އެކަޑަމީގެ ސްޓްރެންތު 200 އަށްވުރެ އިތުރު ނުކުރުން،" ޒިޔާދު ވިދާޅުވިއެވެ.
"އެހެންނަމަވެސް އެއީ 14 އަހަރުން ދަށް. ދެން 16 އަހަރުން ދަށުގެ އަދި 19 އަހަރުން ދަށުގެ އޭޓީމާއި ބީ ޓީމު އަޅުގަނޑުމެން ނަގާނަން. އިރާދަކުރެއްވިއްޔާ އިންޓަރސްކޫލް ނިމުނީމާ އަޅުގަނޑުމެން އެކަން ފައްޓާނަން."
އެކަޑަމީގެ ހަރަކާތްތައް މާލޭގައި މިހާރު ފަށާފައިވާއިރު، ނިއުގެ އަމާޒަކީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަތޮޅުތެރެއަށް ވެސް އެކަޑަމީގެ ހަރަކާތްތައް ފުޅާކޮށް، ބައިނަލްއަގްވާމީ ފެންވަރުގައި ކޮލިޓީ ޚިދުމަތްތަކެއް ދީގެން، ގޯލް ކީޕަރު އިމްރާން މުޙައްމަދު (އިންމަ) އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ފަދަ ހުނަރުވެރި އަދި ކުޅިވަރުގެ އަޚްލާގު ހުރި ކުޅުންތެރީންތަކެއް އުފެއްދުމެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރޭން، އޭޕްރީލް 8، 2017 -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"އަޅުގަނޑުމެން ވަރަށް އަވަހަށް މި އެކަޑަމީ އެކްސްޕޭންޑް ކުރާނަން އަތޮޅު ތެރެއަށް. ދެން މި އެކަޑަމީގެ ހެޑްކޯޗްގެ ޕްރޮގްރާމްތައް ހިންގާނީ. އެރަށްރަށުގަ ތިބި ކޯޗުން ބޭނުންކޮށްގެން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޕްރޮފެޝަނަލް ލެވެލެއްގަ ކުރިއަށް ގެންދާނަން،" ޒިޔާދު ވިދާޅުވިއެވެ.
"އެކަޑަމީ ހިންގުމުގަ އަޅުގަނޑުގެ ވިސްނުމަކީ، އާބަދީ ބޮޑުކޮށްގެން، ނޫނިއްޔާ އެކަޑަމީގައި ބައިވެރިވެފައި ތިބި ކުދީންގެ އަދަދު އިތުރުކޮށްގެން އެ ރެވެނިއުއަށް ވުރެ ބޮޑަށް އަޅުގަނޑު ބޭނުންވަނީ އޭގެ ކޮލިޓީ ހަގީގަތުގައި ނެރެން.
"ދެން އަޅުގަނޑަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ، މާލޭގައިވެސް އެހާ ބައިވަރު ކުދީންތަކެއް ބައިވެރިވުމުގެ ބަދަލުގައި އަޅުގަނޑުމެންގެ އެކަޑަމީން ރަނގަޅު ފެންވަރުގެ ކުދީން އުފެދުން."
އަތޮޅުތެރެއަށް ނިއުގެ އެކަޑަމީ ފުޅާކުރުމަށް ރާވަމުން ދާއިރު، އެ ކްލަބުގެ އަމާޒަކީ، ރަށްރަށުގައި ގާއިމުކުރާ އެކަޑެމީ ތަކުގައިވެސް ކުޅުންތެރީން ގިނަ ނުކުރުމެވެ.

ނިއު ރޭޑިއަންޓް އެކަޑަމީގެ ހެޑް ކޯޗު، ޔޯކިމް ވަލިންހޯ ކުދިންނަށް އިރުޝާދުދެނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ
ގްރާސްރޫޓް ހަރަކާތްތައް ހިންގުމުގައި ރާއްޖޭގެ އެހެން ކްލަބުތަކަށްވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތައް ނެތުމެވެ. އެގޮތުން، ތަމްރީނުތައް ކުރިއަށް ގެންދިއުމަށް އޮންނަ ޖާގައަކީ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
"ފެސިލިޓީއަށް ބަލާއިރު، ބޮޑެތި ކްލަބުތަކަށް ވެސް މި ލިބެނީ ހާފް ޕިޗްގައި ޕްރެކްޓިސް ކުރާން. ދެން މީގެ ޓެކްނިކަލް ބޭފުޅުން ވިދާޅުވަނީ، 200 އަށްވުރެ އިތުރު ވެއްޖިއްޔާ ކޮލިޓީ ކުޅުންތެރީން އުފެއްދުމަށް އުނދަގޫވެގެންދާނޭ ކަަމަށް،" ނިއުގެ ޗެއާމަން ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކާއި އަދި އަމިއްލަ ބައެއް ފަރާތްތަކުންވެސް މިހާރު ފުޓްބޯޅަ އެކަޑަމީތައް އެބަ ހިންގައެވެ. ހަމަ އެހެންމެ، އެފްއޭއެމުން ވެސް ދަނީ، ފުޓްބޯޅަ އެކަޑަމީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނިއުއިން ބުނީ، އެ ކްލަބުގެ އެކަޑަމީ އެހެން ހުރިހާ އެކަޑަމީތަކާ ތަފާތު ވާނޭކަމަށާއި، އާ ޚިދުމަތްތަކެއް ވެސް ވަރަށް އަވަހަށް ތައާރަފް ކުރާނޭ ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި އެހެން އެކަޑަމީތަކުން ނުލިބޭ ބައެއް ބެނެފިޓްތައްވެސް މި އެކަޑަމީން ފޯރުކޮށްދޭނަން. އެކަންކަން ފައިނަލް ވީމަ އަޅުގަނޑުމެން އެކަންކަން ހާމަކުރާނަން،" ނިއުގެ ޗެއާމަން ވިދާޅުވިއެވެ.

އޭޕްރީލް 8، 2017: ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނިއުގެ އެކަޑަމީގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ ކްލަބުގެ ސީނިއާ ޓީމުގެ ޓްރޭނަރު އަދި އެކަޑަމީގެ ހެޑް ކޯޗު ޔޯކިމް ވަލިންހޯގެ ބެލުމުގެ ދަށުންނެވެ. އޭނާއަކީ ބެޗެލާ އޮފް ސައިންސް އިން ސްޕޯޓްސް ޓްރޭނިންއާއި ފުޓްބޯލް ޕޯސްޓްގްރެޖުއޭޓް އިން ސައިކޮލޮޖީ އޮފް ސްޕޯޓްސް އަދި ޔޫއެފާ ބީ ލައިންސަސް ފާހެއް އޮންނަ ކޯޗެކެވެ.
ނިއުގެ އެކަޑަމީ ކޯޗު ވަލިންހޯ ވަނީ ކުރިން ބޮޑެތި ކްލަބުތަކަކާއެކު ވެސް މަސައްކަތްކޮށްފައެވެ. އެގޮތުން ޓެންޒޭނިއާ ޕްރިމިއާ ލީގުގެ އެފްރިކަން ލިޔޯން އެފްސީއާއި، ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކްލަބު ގްރުޕޯ ޑެސްޕާޓިވޯ ޓޫރިޒެންސް އަދި ޕޯޗުގަލް ޕްރިމިއާ ލީގުގެ ކްލަބު އެތުލެޓިކޯ ކިޔުރިއެންސް ފާހަގަކޮށްލެވެއެވެ.
ނިއުގެ އެކަޑަމީގައި ފެންވަރު ރަނގަޅު ކޯޗެއް އެބަހުއްޓެވެ. އެ ކްލަބުގެ އަމާޒުތައް ވެސް އުޅެނީ ވަރަށް އުހުގައެވެ. މުސްތަގުބަލުގައި ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކޮށް، ރާއްޖެއަށް އެންމެ އެދެވޭ ނަތީޖާތައް ނެރެވޭނީ ދިވެހި ފުޓްބޯޅަ އާއިލާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް މިފަދަ އަޒުމެއްގައި އަތުކުރި އޮޅާލައިގެންނެވެ.