06 Jul 2011, 10:58
މޫކައި ހޮޓާ ކުރިމަތިން އޮންނަ ގޯޅީގައި ހުންނަ ފިހާރައެއްގެ ބިއްލޫރިގަނޑު ރޭ ފަތިހު ތަޅާލައި ގެއްލުންދީފި އެވެ.
މަންޒަރު ދުށް މީހަކު ބުނީ ހެނދުނު ގޯޅީގައި ހުންނަން "މަތުޖަރު" ފިހަރައިގެ ބިއްލޫރީގަނޑު އެއްކޮށް ތަޅާލާފައިވާ ކަމަށެވެ. ނަމަވެސް ސަންގެ ނޫސްވެރިން އެ ފިހާރަ ކައިރިއަށް މިއަދު ދިޔައިރު ވަނީ ތަޅައިލި ބިއްލޫރިގަނޑު ބަދަލުކޮށްފަ އެވެ.
ފިހާރައިގެ ބިދޭސީ ސޭޓް ބުނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާފައި ހުރިކަން އެނގުނީ ފަތިހު 5.30 އެހާކަށް ހާއިރު ކަމަށެވެ. އޭނާ ބުނީ ބިއްލޫރިގަނޑު ތަޅައިލި ނަމަވެސް ފިހާރައިގެ އެތެރޭގައި ހުރި އެއްވެސް އެއްޗަކަށް ގެއްލުންދީ، ވަގަށް ގެންގޮސްފައިވާކަން އަދި އެނގެން ނެތް ކަމަށެވެ.
ސޭޓް ބުނީ ހަމަ އެކަނި ފާހަގަ ކުރެވިފައި ވަނީ ފިހާރައިގެ ދޮރު ކައިރިއަށް ސިނގިރޭޓް ފޮއްޓެއް ވައްޓާލާފައި އޮތުން ކަމަށެވެ. އެ ސިނގިރެޓް ފޮއްޓަކީ ފިހާރައިން ނަގާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ އެ ފިހާރައިގެ ބިއްލޫރި ގަނޑު ތަޅާލާފައިވާކަމުގެ ރިޕޯޓެއް މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހިނެތް ހިނގި ކަމެއް ކަން އަދި ނޭނގޭ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.