09 Apr 2017, 15:12
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، 31 މެންބަރުންގެ ސޮޔާއެކު އަނެއްކާ ވެސް މަޖިލީހަށް ހުށަހަޅައިފި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ސަން އަށް ކަށަވަރުކޮށްދެއްވި އެވެ.
މާރިޗް މަހުގެ 27ގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް މަޖިލީހުގައި ވޯޓެއް ނަގައިފައެވެ. ފާސްކޮށްފައިވާއިރު، 35 މެމްބަރަކު އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވައެވެ.
އެ ޖަލްސާގައި އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރެއް ބައިވެރިވެފައެއް ނުވެއެވެ. 13 މެމްބަރެއްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ބޭރުކުރިއިރު އަނެއް 21 މެމްބަރުން ވަނީ މަޖިލިސް ދޫކޮށް ނިކުމެވަޑައިގެންފައެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްގެ ބަދަލުގައި ވަކިވަކިން ކޮންމެ މެމްބަރަކު، އެ މެމްބަރަކަށް ފެންނަ ގޮތް ހާމަކޮށްގެންނެވެ. އެ ގޮތަށް ވޯޓް ނަގަން ނިންމީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިންއަށް މައްސަލަ ދިމާވެފައި ކަމަށް ތުހުމަތުކޮށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ހުށަހެޅުއްވުމުން އެކަމަށް ތާއިދު ލިބުމުންނެވެ. ނަމަވެސް އެގޮތަށް ވޯޓް ނަގަން ފެނޭތޯ ނެގި ވޯޓް ނަގާފައި ވަނީ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުންކޮށްގެން ފާހަގަކޮށްލެވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިންމަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 31 މެންބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމަށް އަނެއްކާވެސް މަޖިލީހަށް މައްސަލަ ވައްދާފައި ވާކަމަށެވެ.
31 Memabrunge Soyaa eku Majlis Raees Maseeh ge Ithubaaru neiy kamah Anekkaa Ves#BuffulhiCoaltionin Majlis ah husha halhaifi.
— Ahmed Nihan (@ahmed_nihan)April 9, 2017
މިއީ މަސީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ، މަ، 08 މާޗް 2016 ވަނަ ދުވަހުއެވެ. އެދުވަހު އެ މައްސަލަ ވައްދާފައި ވަނީ، 19 މެމްބަރުންގެ ސޮއިއާ އެކު އެވެ. އެހެން ނަމަވެސް ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
އޭގެ ފަހުން، 08 މާޗް 2017 ދުވަހު 26 މެންބަރުންގެ ސޮޔާއެކު އެވެ.
ނިހާން މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، "ސްޕީކަރ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް 100 ފަހަރަށް ލިޔަސް، އިންޝާ ﷲ، 100 ޕަސެންޓް ޔަގީންކަމާއެކު މި ދަންނަވަނީ، އެ ވޯޓެއް ޕީޕީއެމް، އެމްޑީއޭ ޕީޖީން ފެއިލްކުރާނެ،" ކަމަށެވެ.
Speaker Maseeh ge ithubaaru neiy kamuge Vote 100 Faharah liyas IA 100% Yageen kamaa eku midhannavanee e Vote eh PPMMDA PG in Fail Kuraane.
— Ahmed Nihan (@ahmed_nihan)April 9, 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނާކާމިޔާބުވުމާ ގުޅިގެން އެފަހަރު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫން ވިދާޅުވީ މަސީހުގެ ރިޔާސަތުގެ ދަށުން ބާއްވާ މަޖިލީހުގެ ޖަލްސާތައް ވާނީ ބާތިލް ޖަލްސާތަކަކަށް ކަމަށާއި މަސީހު ބައިވެރިވެ ވަޑައިގަންނަވާ އެހެން ޖަލްސާއެއް ނުބޭއްވޭނެ ކަމަށެވެ.
އެފަހަރު އެ މައްސަލަ ނާކާމިޔާބު ވުމުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އިތުރު މެންބަރުންގެ ތާއީދާ އެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން ވައްދާނެ ކަމަށް ވިދާޅުވެފައެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ބުނި ފަދައިން މިއަދު މަޖިލީހަށް އަޅުގަނޑުމެން ވަނީ މި ވޯޓް ކާމިޔާބް ކުރެވޭނެ ކަމުގެ އުންމީދާއި ޔަގީން ކަމާއެކު. އަޅުގަނޑުމެންގެ މަސަތްކަތް މިހިސާބުން މި ހުއްޓުނީކީ ނޫން. މިއީ ފެށުމެއް. ވަރަށް އަވަހަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަޅުގަނޑުމެން ގުޅިގެން އެކީގައި ވައްދާނަން. އަދި އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން،" ކުރިން ފަހަރު ބޭއްވި ވޯޓަށް ފަހު މަޖިލިސް ބޭރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން ވައްދާފައިވާ އިރު، މަޖިލީހުގެ ނާއިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައި ވާ މައްސަލަ މިހާރު ވަނީ، އަންނަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފައެވެ.