09 Apr 2017, 15:49
މުސްލިމު ގައުމެއްގެ ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތީ އުފާ ކުރާކަމަށާއި އާއިލާ ދޫކޮށްލާ ރާއްޖެ އައުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންނަށް ފުޓްބޯޅަ ކުރިއެރުވުމަށް އެހީތެރިވުން ކަމަށް ގައުމީ ފުޓްބޯޅަ އިދާރާގެ ޓެކްނިކަލް ޑިރެކްޓަރުކަމާއި މިއަދު ހަވާލުވެލެއްވި ވީބީ އައްޑޫ އެފްސީގެ ކުރީގެ ކޯޗު ޖޭން ވަންލީ ވިދާޅުވެއްޖެ އެވެ.
ރަސްމީކޮށް ދިވެހި ފުޓްބޯޅައިގެ މައި އިދާރާގެ ޓެކްނިކަލް ޑިރެކްޓަރު ކަމާ ހަވާލުވުމަށް އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަންލީ ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ބަޔަކު ނޭދެވޭ ވާހަކަތައް ދައްކާތީ އެ ގައުމުތަކުގެ ފުޓްބޯޅަ ދަށަށް ދާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް އައިސް ދިވެހިންނަށް އެހީވާން ނިންމީ ރާއްޖެއަކީ މުސްލިމުން އުޅޭ ގައުމަކަށް ވެފައި މުސްލިމު ގައުމެއް ފުޓްބޯޅައިން ކުރިއަށްގެންދިޔުމަށް ބޭނުންވާތީ ކަމަށެވެ.
"އަހަރެން އަނބުރާ ރާއްޖެ އައުމަށް ނިންމި އެންމެ މުހިއްމު އެއް ސަބަބަކީ ރާއްޖެ އަކީ މުސްލިމު ގައުމަކަށް ވެފައި އިސްލާމީ ގައުމެއްގެ ފުޓްބޯޅަ ކުރިއަރުވަން ބޭނުންވާތީ،" ވަންލީ ބުންޏެވެ.
ވަންލީ އިތުރަށް ވިދާޅުވީ އެފްއޭއެމުން އޭނާއަށް ހާއްސަ ޒިންމާތަކެއް ހަވާލްކޮށްފައިވާ ކަމަށާއި އަދި ފުރިހަމަ ކުރަން ޖެހޭ ޒިންމާތަކެއް ވެސް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެފްއޭއެމް އިން ކަނޑައަޅާފައިވާ މުއްދަތައް ވުރެ އަވަހަށް ކަންކަން ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ހާއްސަ އިސްކަމެއްދީގެން ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ.
"އަޅުގަނޑު މިގައުމުގައި ހޭދަ ކުރި ދުވަސްތަކުން ލިބިފައި ހުރި ތަޖުރިބާއިން ކަންކަން ކުރަން ފަސޭހަވާނެ. ފުރަތަމަ ޓާގެޓް ހާސިލް ކުރަން މިއޮތީ ފަސް އަހަރު ދުވަހުގެ ތެރޭގައި. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ އެއަށް ވުރެ އަވަހަށް ހުރިހާ ކަމެއް ވެސް ހާސިލް ވާނެކަމަށް،" ވަންލީ ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ޓެކްނިކަލް އެނަލައިސިސްގެ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ވަންލީ އިތުރަށް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އޭނާ ވަރަށް ރަނގަޅަށް ދަންނަ ކަމަށާއި ރަނަގޅު ކުރެވޭނެ ކަންކަން އެބަހުރި ކަމަށެވެ. އަދި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ކޯޗުންނާއި ބައްދަލުވެއްޖެ ކަމަށާއި އަދި ދެވަނަ ޑިވިޝަނާއު ތިންވަނަ ޑިވިޝަނުގެ ޓީމުތަކާއި ވެސް ބައްދަލުކޮށް ކަންކަން ހިންގަމުންދާ ގޮތް ބަލައި ދިރާސާ ކުރާނެ ކަަމަށެވ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދަށް ވުރެ ވެސް ދިވެހި ފުޓްބޯޅަ ކުރިއެރުވޭނެ . އަޅުގަނޑަށް ދެވެން އޮތް އެހީއެއް ވިެއްޔާ ދޭނަން،" ވަންލީ ވިދާޅުވި އެވެ.
ވީބީ އައްޑު އެފްސީގެ ކޯޗެއްގެ ގޮތުގައި ދިވެހިންގެ ތެރެއަށް މަޝްހޫރުވި ކޯޗު ވަންލީ ރާއްޖޭގައި ހޭދަވި މުއްދަތުގައި އޭނާވަނީ ދެ ފަހަރަށް މޮޅު ކޯޗުގެ މަގާމް ހޯދައި ވީބީ އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ.