09 Apr 2017, 14:36
ވޮޝިންޓަން(އެޕްރީލް 9): ޕެސިފިކް ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް (ހަނގުރާމައިގެ ގުރާބުތަކެއް) އުތުރުކޮރެޔާއާ ދިމާއަށް މިސްރާބު ޖެހުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފިއެވެ.
މިކަން ހާމަކުރައްވަމުން އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވީ ތޯމަހޮކް ކުރޫޒް މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އެމެރިކާގެ މަނަވަރުތަކެއް ޕެސިފިކް ކަނޑުން ކޮރެޔަން ޕެނިންސިއުލާއާ ދިމާއަށް މިހާރު ދަތުރުކުރާކަމަށާއި އެމަނަވަރުތައް މަޑުކުރާނީ ކޮރެޔަން ޕެނިންސިއުލާގައިވާ ބައިނަލްއަގްވާމީ ސަރަހައްދުގައި ކަމަށެވެ.
ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މިމަސްއޫލުވެރިޔާ ވިދާޅުވީ މި މަނަވަރުތަކާއެކު މަތިންދާބޯޓު އުފުލާ، އެމެރިކާގެ މަނަވަރެއްވެސް ކޮރެޔަން ޕެނިންސިއުލާކައިރީގައި ރުކުރުވާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވާފައިވާކަމުގައެވެ.
އެމެރިކާގެ މަނަވަރުތައް ކޮރެޔަން ޕެނިންސިއުލާގެ ކައިރިއަށް މިސްރާބު ޖަހާފައިމިވަނީ ދެކުނު ކޮރެޔާއާއި ޖަޕާނާއެކު ބޭއްވުމަށް އެމެރިކާ ތައްޔާރުވާ އަސްކަރީ ތަމްރީންތަކުގައި ބައިވެރިވުމަށްކަމަށް ބެލެވެއެވެ. އަދި ކޮރެޔަން ޕެނިންސިއުލާގެ ކަނޑުގެ އައްސޭރިފަށުގައި މި ތަމްރީންތައް ބާއްވަނީ އުތުރުކޮރެޔާއަށް ވަރުގަދަ މެސެޖެއްދިނުމުގެ ބޭނުމުގައި ކަމަށްވަނީ ބެލެވިފައެވެ.
ދެކުނު ކޮރެޔާއާއި ޖަޕާނަކީ އެމެރިކާގެ އަސްކަރީ ބައިވެރިންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިދެގައުމާއެކު އަސްކަރީ ސްޓްރެޓީޖިކް ގުޅުންތަކެއް އެމެރިކާ ގާއިމް ކޮށްފައިވެއެވެ.
އެމެރިކާ މިދިޔަ ހުކުދުވަހުވަނީ ތޯމަހޮކް ކުރޫޒް މިސައިލުން ސޫރިޔާއަށް ވަރުގަދަ ޙަމަލާތަކެއްދީފައެވެ. އެމެރިކާގެ އަސްކަރީ މި ހަރަކާތްތަކަކީ "އެމެރިކާ ފަސްޓް" ކަމަށް ވިދާޅުވެ ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ ފުށުއަރާ ކަމެކެވެ. "އެމެރިކާ ފަސްޓް" ސިޔާސަތުގެ ތެރޭގައި ހިމެނެނީ އެމެރިކާ ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ އަސްކަރީ ހަރަކާތްތައް ކުޑަކޮށް އެމެރިކާގެ ދާޚިލީ ކަންކަމަށް އިސްކަން ދިނުމެވެ. މީގެތެރޭގައި ހަނގުރާމަތަކުން ދުރުވުމާއި އެމެރިކާގެ މަދަނީ ތަރައްގީގެ މަޝްރޫއުތަކަށް އިސްކަންދީ އެމެރިކާގެ ބައުވެފައިވާ މަދަނީ އިންފްރާސްޓްރަކްޗަރ ޒަމާނާ އެއްގޮތަށް ބަދަލުކުރުމަށް ޓަކައި އެމެރިކާގެ ބަޖެޓްގެ ބޮޑުބައެއް އެކަމަށް ހޭދަކުރުން ހިމެނެއެވެ.
ނަމަވެސް އެމެރިކާގެ ހަތިޔާރު ކުންފުނިތައް މިހާރުވަނީ ޓްރަމްޕްގެ ސަރުކާރަށް ބާރާއި ނުފޫޒުފޯރުވާން ފަށާފައެވެ. އެމެރިކާގެ އަސްކަރީ ހަރަކާތްތައް ގިނަކުރުމާއި ގައުމުތަކަށް ހަމަލާދިނުމާއި ހަނގުރާމަތައް ކުރުމަކީ އެމެރިކާގެ އާންމުން ނިކަމެތިވިނަމަވެސް އެމެރިކާގެ ހަތިޔާރު ކުންފުނިތަކުގެ ވިޔަފާރިތައް ރަނގަޅުވެ އެމެރިކާގެ މުއްސަނދިންގެ މުއްސަނދިކަން ވަރަށްބޮޑަށް އިތުރުވެގެންދާ ކަމެކެވެ. އެމެރިކާގެ ހުރިހާ ސަރުކާރުތަކަށްވެސް މިކުންފުނިތަކުން ނުފޫޒު ފޯރުވަމުން ގެންދަނީ މިސަބަބުތަކާ ގުޅިގެންނެވެ.
އެމެރިކާ އެކަނި އުތުރުކޮރެޔާއާ ދެކޮޅަށް ހަރަކާތްތެރިވާން ޖެހިދާނެކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު ވާހަކަ ދައްކަވާފައިވީނަމަވެސް އުތުރުކޮރެޔާއަށް އިސްވެ ހަމަލާދޭން އެމެރިކާއަށް ނުކެރޭނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ. ސަބަބަކީ ބަދަލުހިފުމުގެ ގޮތުން އުތުރުކޮރެޔާގެ ހަމަލާތައް ދެކުނު ކޮރެޔާއާއި ޖަޕާނަށް އަމާޒުކުރާނެކަމުގެ ބިރު އޮތުމުންނެވެ.
އުތުރުކޮރެޔާ ދާދިފަހުންވަނީ ފަސް ހާސް ކިލޯ މީޓަރުގެ އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް އާއި ސަބްމެރިންއިން ފޮނުވާ ބާވަތުގެ ކްރޫޒް މިސައިލް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފައެވެ. އަދި ފަސް ފަހަރެއްގެ މަތިން ނިއުކްލިޔާ ބޮންވެސް އުތުރުކޮރެޔާއިން ތަޖްރިބާކޮށްފައިވެއެވެ. މީގެއިތުރުން އެމެރިކާގެ ބައްރަށް ފޯރަފަދަ މިސައިލް ޓެކްނޮލޮޖީ އުތުރުކޮރެޔާގައި ހުންނާނެކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ އިން ލަފާކޮށްފައިވެއެވެ.
އަނެއްކޮޅުން އުތުރުކޮރެޔާއަކީ ޗައިނާއާ ޚާއްސަގުޅުންތަކެއް އޮންނަ އަދި ޗައިނާގެ މަދަދާއި ހިމާޔަތް ލިބޭ ގައުމެއްކަމުން ޗައިނާއަށް ގޮންޖެހުމަށްފަހު އުތުރުކޮރެޔާއަށް އިސްވެ ހަމަލާދިނުމަކީ ނަތީޖާ ވަރަށް ގޯސްވާނެ ކަމެއްކަމަށްވާތީ މިއީ އެމެރިކާއަށް ކުރަންކެރޭނެ ކަމެއްނޫންކަމަށް އަސްކަރީ އަދި ސްޓްރެޓީޖިކް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެޖެންސީތައް)