09 Apr 2017, 14:29
ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕައިން ކޮންފަރެންސެއް ބާއްވައި، މައިބަދައިގެ ސާޖަރީއެއް ލައިވް ކުރުމަށް އޭޑީކޭ އިން ތައްޔާރުވެއްޖެއެވެ.
އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ ސްޕައިން ކޮންފަރެންސަކީ އޭޑީކޭ އާއި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު ސިއްހީ ދާއިރާއިން އިލްމު އުނގެނުމާއި ފެތުރުމަށް މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ ފުރަތަމަ ހަރަކާތެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، އެ ހަރަކާތަކީ ރާއްޖޭގައި ބާއްވާ އެފަދަ ފުރަތަމަ ހަރަކާތް ކަމަށެވެ.
މީގެ ދެ އަހަރުކުރިން ސްޕައިން ސާޖަރީތައް ހަދަން ފަށައި ކާމިޔާބު އޮޕަރޭޝަންތަކެއް މިހާތަނަށް ކޮށްފައިވާ އޭޑީކޭގައި ހަދާ ސްޕައިން ސާޖަރީތަކުގެ ހިދުމަތްދޭ ގޮތާއި އެ މަސައްކަތްތައް އެ ކޮންފަރެންސްގައި އަންގައިދޭނެއެވެ.
އައްފާލު ވިދާޅުވީ، ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ، އިންޑިއާ އަދި ނޭޕާލްގެ، ކައްޓާއި ނާރުގެ ހާއްސަ ސްޕެޝަލިސްޓުން ބައިވެރިވާ ކޮންފަރެންސްގައި ގާތްގަނޑަކަށް 75 އާއި 100 އާ ދެމެދުގެ އަދަދަކަށް ބައިވެރިން ބައިވެރިވާނެ ކަމަށެވެ.
އޭގެ އިތުރުން ކޮންފަރެންސްގެ ދެވަނަ ދުވަހު، އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް މައިބަނދައިގެ މައްސަލައެއް ހުރި ޕޭޝަންޓެއްގެ ކަރުގެ ޑިސްކެއް ބަދަލުކުރުމުގެ ސާޖަރީއެއް ލައިވް ކުރަން ވަނީ ނިންމާފައެވެ.
އައްފާލު ވިދާޅުވާ ގޮތުގައި، މިއީ ކިޔަވައިދިނުމުގެ މަގްސަދުގައި ކުރާ އެފަދަ ފުރަތަމަ ލައިވްއެވެ. ތާރީހީ އެ ސާޖަރީ ހަދާނީ ދިވެހި ޑޮކްޓަރަކާއި އެމެރިކާ ޑޮކްޓަރެކެވެ.
ސާޖަރީ ހަދަމުންދާއިރު ގައުމީ ޔުނިވާސިޓީ އާއި އޭޑީކޭގައި ހުންނަ ސްކޫލް އޮފް ހެލްތު ސައިންސްގައި އެ ސާޖަރީ ލައިވްކުރާއިރު، ސާޖަރީގެ ހުރިހާ ކަމެއް ކުލާސްރޫމަށް ފެންނާނެ ކަމަށާއި އަދި ކުލާސްރޫމުގައި ތިބޭ މީހުންނަށް އޮޕަރޭޝަން ކުރާ ސާޖަނުންނާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އައްފާލު ވިދާޅުވިއެވެ.
"ޔުނިވާސިޓީގެ ދަރިވަރުންނާއި ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް އެކަމުގައި (ސާޖަރީ ހެދުމުގައި) ބައިވެރިވެ އެކަންކުރާ ގޮތްތަކާއި ވިޓްނަސް ކުރެވޭނެ،" އޭޑީކޭގެ މެނޭޖިން ޑައިރެކްޓަރު ވިދާޅުވިއެވެ.