09 Apr 2017, 14:13
ދިރާގު ޕލކގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ދިރާގުން ނެރެފައިވާ އޭޖީއެމް ނޯޓިސްގައި ބުނެފައިވާ ގޮތުން، އެކުންފުނީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އޭޕްރިލް 20 ވާ ބުރާސްފަތި ދުވަހުގެ ރޭ، މާލޭގެ ނޭޝަނަލް އާޓު ގެލެރީގައެވެ.
ދިރާގުން ބުނެފައިވަނީ، އޭޖީއެމްގައި ބައިވެރިވެވޭނީ އޭޕްރިލް 13ގެ ނިޔަލަށް އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ޖަލްސާއަށް ވަނުމުގެ ކުރިން ރެޖިސްޓްރީކުރަންޖެހޭ ކަމަށާއި، ރެޖިސްޓްރޭޝަންގެ ކަންކަން އެރޭ 7:30 އިން ފެށިގެން 8:15 އާ ހަމައަށް ކުރިޔަށް ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
އަދި އަހަރީ އަންމު ޖަލްސާގައި ހިއްސާދާރުންގެ ޕްރޮކްސީގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮކްސީ ފޯމު، ދިރާގު ހެޑް އޮފީހުން ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގަށް މިދިޔަ އަހަރު އާމްދަނީއެއް ހޯދާފައިވެއެވެ. އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 1.09 ބިލިޔަން ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 14.97 ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމި 449.92 މިލިޔަން ރުފިޔާ (ހިއްސާއަކަށް 5.92 ރުފިޔާ) އަދި ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމި 642.20 މިލިޔަން ރުފިޔާ (ހިއްސާއަކަށް 8.45 ރުފިޔާ)އެވެ.
ދިރާގަކީ ބަހުރައިންގެ ބަޓެލްކޯގެ 52 ޕަސަންޓު ހިއްސާ، ދިވެހި ސަރުކާރުގެ 48.2 ޕަސަންޓު ހިއްސާ އަދި އާންމުންގެ 6.2 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.