09 Apr 2017, 14:08
ސައުދީ އަރަބިއްޔާގެ ވެރިރަށް، ރިޔާދުގައި ބޭއްވި "ރިޔާދު ޓްރެވަލް ފެއާ"ގައި ރާއްޖެއަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބުނެފިއެވެ.
އެ އެސޯސިއޭޝަންގެ ފަރާތުން ރިޔާދު ފެއާގައި ދިވެހި ނުވަ ކުންފުންޏަކުން ބައިވެރިވެ، ރާއްޖެ އިސްތިހާރު ކުރުމުގައި ހަރަކާތްތެރިވެފައިވެއެވެ. ހުކުރު ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ އެ ފެއާ އަކީ އަރަބި މާކެޓަށް ހާއްސަކޮށްގެން ބާއްވާ ފެއާ އެކެވެ. އެ ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ އާއި ގަލްފުގެ ގައުމުތައް ހިމެނެއެވެ.
"ސަން" އަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ސެކެޓްރީ ޖެނެރަލް، އިބްރާހީމް މުނާޒު ވިދާޅުވީ ފެއާގައި ރާއްޖެއަށް ހޫނު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
މިއަދުގެ ނިޔަލަށް ބާއްވާ އެ ފެއާ އަކީ 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފެއާ އެކެވެ. މިއަހަރުގެ ފެއާ ވެގެންދާނީ ރިޔާދު ޓްރެވަލް ފެއާގެ ނުވަ ވަނަ ފެއާ އަށެވެ. ރާއްޖެ އިސްތިހާރު ކުރުމަށްޓަކައި މަޓާޓޯއިން އެ ފެއާގައި ބައިވެރިވެފައިވާއިރު މިއަހަރުގެ ތެރޭގައި ބައިނަލް އަގުވާމީ އިތުރު ހަތް ފެއާއެއްގައި ބައިވެރިވާން މަޓާޓޯއިން ވަނީ ނިންމާފައެވެ. އަދި ރިޔާދު ފެއާގައި މިއީ މަޓާޓޯއިން ބައިވެރިވާ ދެވަނަ ފަހަރެވެ.
މަޓާޓޯއިން ބުނި ގޮތުގައި މިއަހަރު އެ ފެއާގައި ބައިވެރިވާން ނިންމީ، ކުރީ އަހަރުގެ ކާމިޔާބީއަށް ބަލައި، ރާއްޖޭގެ ޓޫރިޒަމަށް މެދު އިރުމަތީ ގައުމުތަކުގެ ފަތުރުވެރިންގެ މެދުގައި މާކެޓު ކުރުމަށެވެ.
ރިޔާދު ޓްރެވަލް ފެއާގައި މިދިޔަ އަހަރު 52 ގައުމަކުން 246 އެކްޒިބިޓަރުން ބައިވެރިވި އެވެ. އަދި މިދިޔަ އަހަރު އެ ފެއާއަށް 25،000 ގިނަ މީހުން ޒިޔާރަތް ކުރި އެވެ.