ޓޫ އެލް ކޮންސްޓަރްކްޝަން ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައި ލައްކައެއްހާ ރުފިޔާ އާއި 15000 ޑޮލަރު ވަގަށް ގެންގޮސްފި އެވެ.

އެ ކުންފުނީ ވެރިޔާ އަލީ އިބްރާހިމް ރާޝިދު ވިދާޅުވީ ކުންފުނީގެ އޮފީސް ރޭ ބަންދުކޮށްފައި ދިޔައީ މެންދަމު 2:50 އެހާކަންހާއިރު ކަމަށާއި އޮފީސް ފަޅާލައިގެން ފައިސާ ވަގަށް ގެންގޮސްފައި ވަނީ އޭގެ ފަހުން ކަމަށެވެ.

އިމާރާތް ކުރުމާއި ވިޔަފާރީގެ ކަންތައްތައް ބަލަހައްޓާ ކުންފުނީގެ އެ އޮފީސް ތެރެއަށް ވަގުން ވަދެފައިވަނީ ދޮރާއި ދޮރުކަންޏާ ދޭތެރެއަށް ދަގަނޑުގަނޑެއް ކަހަލަ އެއްޗެއް ލައްވައި މަތާލުމަށްފަހު ތަޅު ހަލާކު ކޮށްލައިގެން ކަމަށް ވެސް އަލީ ވިދާޅުވި އެވެ. ސަންގެ ނޫސްވެރިން ހެނދުނު އެ އޮފީސް ކައިރިއަށް ދިޔައިރުވެސް އެ އޮފީސް ފަޅައިލުމަށް ދީފައިވާ ގެއްލުންތައް ފެންނަން ހުއްޓެވެ. އޭގެ އިރުކޮޅެއް ކުރިން ފުލުހުންގެ ފޮރެންސިކް ޓީމްވެސް އެ އޮފީސްތެރޭގައި ހަރަކާތްތެރި ވިއެވެ.

"ރަނިކަމަނަ" ފޮތި ފިހާރަ ވެސް ހިންގާ އަލީ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ހިސާބުގައި ރޭ އެވަގުތު ހޭލާ އުޅުނު ކަމަށް އަމިއްލަ އަށް ބުނި ދެ ކުއްޖަކު ފުލުހުންނަށް މަޢުލޫމާތު ދިނުމަށް އަމިއްލަ އަށް ފުލުސް އޮފީހަށް ގޮސްފައިވާ ކަމަށެވެ. ޒުވާން ދެ ކުއްޖަކު އެ ސަރަހައްދުން ފުލުހުންގެ ޖިޕަށް އެރުވި ތަން ސަންގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.

ފުލުހުންގެ މީޑއާ އޮފިޝަލު ވިދާޅުވީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް މަޢުލޫމާތެއް ދެވެން ނެތް ކަމަށެވެ.